ޚަބަރު

އެފްއޭ ފުޓްސަލް ކަޕްގެ ގުރު ނަގައިފި


އެފް.އޭ.އެމް އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ކްލަބް ޖަމީއްޔާ ޖަމާއަތްތަކަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭ ފުޓްސަލް ކަޕްގެ ގުރު ނަގައިފިއެވެ.

އެފްއޭމްގައި މިއަދު ކުރިޔަށްގެންދިޔަ ގުރު ނެގުމުގައި ވަނީ މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވި ވިހި ޓީމް ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ އަންހެން ބައިގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އެޓީމު ތަކަކީ ބީޖީ ސްޕޯޓްސް ކްލަބް، އެމްއެސް މޭޓް އަދި ޕޮލިސް ކްލަބުގެ އިތުރުން ދިވެހި ސިފައިންގެ ކްލަބެވެ.

މިނީ ޓާފް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭރަވަނަ ދުވަހުއެވެ. އަދި އަންހެން ބައިގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާރަވަނަ ދުވަހުއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފަންސާސްހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ ފަންސަވީސްހާސް ރުފިޔާއެވެ.