ޚަބަރު

މުލަރ ރިޕޯޓު އުނިއިތުރަކާ ނުލައި ޤާނޫނު ހަދާ މަޖިލީހާ ހިއްސާކުރަން އެމެރިކާ ސަރުކާރުން ދެކޮޅުހަދައިފި


2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހްގީގް ކުރުމަށްފަހު ނެރެފައިވާ ރިޕޯޓް އެއްކޮށް ކޮންގްރެސް އަށް ދޭން ނުޖެހޭކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ސެންޑަރސް ވިދާޅުވީ، ރޮބަޓް މުލަރ ތައްޔާރުކުރެއްވި އެ ރިޕޯޓްގެ ފުރިހަމަ ކޮޕީއެއް ކޮންގްރެސް އަށް ދިނުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖުޑިޝަރީގެ ކަންތައްތަކާބެހޭ ސަބް ކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލަރު އެދިވަޑައިގެންފައިވާ ކަމުގައިވާނަމަވެސް، އެއީ ކުރަންޖެހޭކަމެއް ކަމަށް ވައިޓް ހައުސް އިން ނުދެކޭކަމަށެވެ.

އެމެރިކާގެ އެޓަރނީ ޖެނެރަލް ވިލިޔަމް ބާ ވަނީ، މުލާ ތައްޔާރުކުރެއްވި ރިޕޯޓް ޚުލާސާ ކޮޕީއެއް ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ފޮނުއްވާފައެވެ. އެހެންނަމަވެސް ވިލިޔަމް ބާ ފޮނުއްވި ޚުލާސާ ރިޕޯޓްގައި، މުލަރ ތައްޔާރުކުރެއްވި ފުރިހަމަ ރިޕޯޓްގައި ހިމެނޭ ބައެއް ބައިތައް ނުހިމެނޭކަމުގެ ޝަކުވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖުޑިޝަރީގެ ކަންތައްތަކާބެހޭ ސަބް ކޮމިޓީ މުގައްރިރު ވަނީ ކުރައްވާފައެވެ.

މި ކަމާބެހޭގޮތުން ސުވާލުކުރުމަށްޓަކައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖުޑިޝަރީގެ ކަންތައްތަކާބެހޭ ސަބްކޮމިޓީއަށް ހާޒިރުވުމަށް އެ ކޮމިޓީން އެދެނު އެދުމަށް އިޖާބަ ދެއްވުމަށް އެޓާނީ ޖެނެރަލް ވިލިޔަމް ބާ ވަނީ ދެކޮޅު ހައްދަވާފައެވެ.