ޚަބަރު

ފޮރިން މިނިސްޓަރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އަވަށްޓެރި ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހައާ ބައްދަލުކުރައްވައި އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުގެ ރައްޔިތުންނަށް މިދެޤައުމުގެ ދެމެދުގައި ދަތުރުކުރުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައިއޮތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހުވެސް، އެޤައުމަށްދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބުމުގެ އިންތިޒާމު ހަމަޖެހިފައިއޮތުމަކީ ދެޤައުމުގެ ގާތްގުޅުން ހާމަވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވަނީ ދެކުނު އޭޝިއާ ސަރަހައްދުން ހައްދު ފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ ނުރައްކާތެރިކަން ނައްތާލުމަށް ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި، ރާއްޖެއިން ވެދެވެން އޮތް އެހީތެރިކަމެއް އެޤައުމަށް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުވަނީ ސްރީ ލަންކާއަށް ކުރިމަތިވި ނުރައްކާތެރި ޙާލަތުގައި އެޤައުމުގެ ސަރުކާރުން އެޅުއްވި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަށް ފާހަގަކުރައްވާފައެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުން ޓެރަރިޒަމް ނައްތާލުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވަނީ މި ދަނޑިވަޅުގައި ރާއްޖެއިން އެޤައުމާއެކު އޮތްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ކުރިއަށްއޮތްތަނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ވަނީ ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހާއި، ޤާނޫނީ ބާރުވެރިކަން ހަރުދަނާ ކުރުމާއިބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ސްރީ ލަންކާގެ މިނިސްޓަރ އޮފް އިންޓާނަލް އެންޑް ހޯމް އެފެއަރޒްސް ވަޖިރާ އަބޭވަރްދަނާއާވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައިވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ވިސާގެ ކަންކަމުގައި އެޤައުމުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާގެ އިދިކޮޅު ލީޑަރ މަހިންދަ ރާޖަޕަކްސައާއި ކުރީގެ ސްކެޓްރީ އޮފް ޑިފެންސް ގޮޓަބަޔާ ރާޖަޕަކްސައާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސައާވެސް ބައްދަލުކުރައްވާފައެވެ.

ސްރީލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސްރީ ލާންކާގައި ދިރިއުޅެން ބޭނުންވާ އެހެން ޤައުމުތަކުގެ ރައްޔިތުން ހައްދަންޖެހޭ "ރެޒިޑެންސް ވިސާ" އެބައެއްގެ އަމިއްލަ ޤައުމުގައި ތިބެގެން ހެއްދުމަށް ސްރީ ލަންކާ ސަރުކާރުން މިހާރުވަނީ އަންގާފައެވެ. މި ބަދަލު ގެނައިނަމަވެސް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް އޮން އެރައިވަލް ޓުއަރިސްޓް ވިސާ ލިބޭނެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވަނީ ހާމަކުރައްވާފައެވެ.