ވިޔަފާރި

ތުތި ބޯވަދިލަމަހުގެ އުފެއްދުންތަކުގެ ޑިމާންޑް ބޮޑުވަނީ!


ފަސްމީރު ބްރޭންޑެއްގެ ގޮތުގައި މިފްކޯއިން ރަމަޟާންމަހަށް ޙާއްސަކޮށްގެން ބާޒާރަށް ނެރުނު ތުތި ބޯވަދިލަމަހަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް މިފްކޯއިން ބުނެފިއެވެ.
ރަމަޟާންމަހަށް ޙާއްސަކޮށްގެން މިފްކޯއިން ވަނީ ތުތި ބޯވަދިލަމަހުގެ 4 އުފެއްދުމެއް ބާޒާރަށް ނެރެފައެވެ. އޭގެތެރޭގައި ހިމެނެނީ ތުތި ބޯވަދިލަމަހުގެ ބޯ، ތުތި ބޯވަދިލަމަހުގެ ފިންސް، ތުތި ބޯވަދިލަމަސް ބްލޮކްސް އަދި ތުތި ބޯވަދިލަމަސް ނޫޑުލްއެވެ.

ޕީއެސްއެމްނިއުސް އާއި ވާހަކަދައްކަވަމުން މިފްކޯގެ ލޯކަލް ސޭލްސްގެ ހެޑު، އަޙުމަދު ހާޝިމް ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް މިފްކޯއިން ބާޒާރަށް އަލަށް ނެރުނު ބާވަތަކީ ތުތި ބޯވަދިލަމަސް ކަމަށެވެ. ތުތި ބޯވަދިލަމަހަށް ލިބެމުންދާ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ހާޝިމް ފާހަގަކުރެއްވިއެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މިފްކޯއިން ބާޒާރަށް ނެރޭ ތުތި ބޯވަދިލަމަހަކީ ދިވެހި މަސްވެރިން ބާނާ ތާޒާ މަސްކަމަށްވުންކަމަށް ހާޝިމް ވިދާޅުވިއެވެ.

މިފްކޯ ފަސްމީރު ފިހާރައިގައި ބޭއްވި ހަފްލާއެއްގައި ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަސް ބާޒާރަށް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން 7 ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ވަނީ ދީފައެވެ.

މިފްކޯއިން ބުނީ މަސްވެރިން ބާނާ ތުތި ބޯވަދިލަމަސް މާކެޓްކުރުމަކީ ފިޝަރީޒް މިނިސްޓްރީގެ އިސްނެގުމުގެ މަތިން މިފްކޯއިން ފަށާފައިވާ މަސައްކަތެއްކަމަށެވެ. ތުތި ބޯވަދިލަމަސް މިފްކޯއަށް ލިބެމުންދާ ވަރަކަށް ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް ރާއްޖޭގެ މާކެޓުގައި ވިއްކަން ހުންނަނީ ބޭރުޤައުމުތަކުން ރާއްޖެއަށް އެތެރެކޮށްފައި ހުންނަ މަހެވެ. ދިވެހި މަސްވެރިން ބާނާ ތުތި ބޯވަދިލަމަސް މިފްކޯއިން މާކެޓްކުރަންފަށައި، މަސްވެރިންނަށް އޭގެ ނަފާ ލިބެންފެށުމުން، މިބާވަތުގެ މަސްވެރިކަމަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެކަމަށް މިފްކޯއިން ދެކެއެވެ. މިފްކޯއިން އާންމުގޮތެއްގައި ތުތި ބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180 ރުފިޔާގެ ރޭޓުންނެވެ.

މިފްކޯއިން ބުނީ މި ރަމަޟާންމަހު އެއްވެސް ދަތިކަމެއްނެތި ދަޅުމަސް އަދި ވަޅޯމަސް އާންމުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށެވެ.