ޚަބަރު

ޕަޕާ ނިއުގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


ޕަޕާ ނިއުގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. އޮސްޓްރޭލިޔާގެ އުތުރުން އޮންނަ ޕަޕާ ނިއުގިނީއަށް ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން ހަތެއް ޕޮއިންޓް ދޭއްގެ ބާރުމިނުގައި ކަމަށާއި، އެ ބިންހެލުން އުފެދުނީ ޕެސިފިކް ކަނޑުގެ ބިމުގެ އަޑިން ތިރީސް ކިލޯލީޓަރު ފުނުންކަމަށް ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނެއެވެ.

ޕެސިފިކް ކަނޑުގެ ސުނާމީ ވޯނިންގާ ބެހޭ މަރުކަޒުން ބުނީ، ޕަޕާ ނިއު ގިނީއަށް ބިންހެލުމުގެ ސަބަބުން ސުނާމީ ބޮޑުރާޅެއް އުފެދިފައި ނުވާކަމަށެވެ. އަދި ސުނާމީ އުފެދިފައިނުވަނީ އެ ބިންހެލުން އެހާ ފުނުން އުފެދުމުންކަމަށް އެ މަރުކަޒުން ލަފާކުރެއެވެ.

ޕެސިފިކް ކަނޑުގައިވާ ޕަޕާ ނިއު ގިނީގެ ސަރުކާރުން ބުނީ ބިންހެލުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށާއި، މީހުން މަރުވިކަންވެސް ރިޕޯޓްކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކުގައި ރެނދުލައި ކަރަންޓާއި މުވާސަލާތުގެ ވިއުގަތަކަށް ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

އިންޑޮނީޝިޔާގެ އިރު ދެކުނުން ޕަޕާ ނިއުގިނީ އޮންނަ ސަރަހައްދަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ޕެސިފިކް ރިންގް އޮފް ފަޔަރގެ ނަމުން މަޝްހޫރު އެ ސަރަހައްދަށް އަހަރެއްގެ މައްޗަށް ސަތޭކައަށްވުރެ ގިނަ ބިންހެލުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.