ޚަބަރު

ބާޒާރުގައި ބޮޑު އަގުގައި ވިއްކި ކަނޑޫދޫ މިރުހުގެ އަގު ކުޑަކުރަން މަޖުބޫރުވެއްޖެ


ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި އެންމެ މަޤްބޫލު އަދި އެންމެ އަގުބޮޑު ބާވަތަކަށް ވެފައިއޮތީ މިރުހެވެ. ވަކީން ޚާއްސަކޮށް ކަނޑޫދު މިރުހުގެ އަގުގެ ވާހަކައަކީ އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައެވެ.

ކަނޑޫދޫ މިރުހުގެ އަގު ބޮޑުވެ އަތްނުފޯރާފަށަށް ދިއުމުން އެ މިރުހަށް ލޯބިޖެހިފައި ތިބި ދިވެހިންނަށް އެންމެ ފަހުން އެ މިރުހުގެ ބަދަލުގައި އެހެން މިރުހެއް ގަންނަން މަޖުބޫރުވިއެވެ. ކަނޑޫދޫ މިރުހުގެ ބަދަލުގައި ދިވެހިން މިސްރާބުޖެހީ އިންޑިއާއިން ރާއްޖެ އެތެރެކުރާ "ޔުގެންޑާ" މިރުހާ ދިމާއަށެވެ. ކުޅިރަހަ ގަދަ މި މިރުސް މިހާރު މިވަނީ، ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ބާޒާރުގައި އަގު ރަނަށް ވެގެންދިޔަ ކަނޑޫދޫ މިރުހުގެ މައްޗަށް ކުރިހޯދާފައެވެ.

ރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ އެއްހާސް ރުފިޔާއަށްވުރެ މަތީގައެވެ. އެ ދުވަސްކޮޅު ވިޔަފާރިވެރިން ކައިރިއަށް ގޮސް މިރުސް ކިލޯއެއްގެ އަގު ހުރީ ކިހާވަރަކަށްތޯ އަހާލުމުން އަގު ކިޔާލަނީ 1000 އާއި 1200 ރުފިޔާއާއި ދެމެދުގައެވެ. މިރުސް ކިލޯއެއް މި އަގުގައިހުރިއިރު 100 ގްރާމުގެ މިރުސް ލިބެނީ 100ރ އަށެވެ. ރޯދަވީލުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް 200 ވަރަކަށް ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ބާޒާރުކުރަންދިޔަ މީހުންނަށް ކަނޑޫދޫ މިރުހާއި ޖެހުނު ހިސާބުން ޖެހުނީ އެހެން ގޮތެއް ހޯދާށެވެ.

އޭރު ވިޔަފާރިވެރިން ބުނަމުންދިޔައީ މިރުސް ބޮޑު އަގުގައި ވިއްކަނީ ޑިމާންޑާއި އެއްވަރަށް ކަނޑޫދޫއިން މިރުސް ނުއުފެއްދޭތީކަމަށެވެ. ބައެއް ވިޔަފާރިވެރިން ބުނަމުންދިޔަ ކަހަލައެވެ. "ދިވެހިންނަށް ކޮންމެ އަގެއްގައި ވިއްކިޔަސް ކަނޑޫދޫ މިރުސް ގަތުން ނޫން ގޮތެއް ނޯންނާނެއެވެ".

ކޮންމެއަކަސް ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރުގެ އަގަށްވެސް ބަދަލު އާދެއެވެ. ކޮންމެ އާ އުފެއްދުމަކާއެކު ކުރީގެ އުފެއްދުން މަޑުމަޑުން ފަހަތަށް ޖެހެމުންދާހެން ކަނޑޫދޫ މިރުހަށްވެސް މިއަދު މިޖެހުނީ ފަހަތަށް ޖެހޭށެވެ.

ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 100 ގްރާމުގެ ކަނޑޫދޫ މިރުސް 95 ރުފިޔާ އާއި 100 ރުފިޔާއާއި ދެމެދުގެ އަގެއްގައި ވިއްކަމުންދިޔައިރު، މިއަދު 100 ގްރާމު މިރުސް 75 ރުފިޔާއަށް ލިބެން ހުއްޓެވެ. އަދި ކުރިން 100ރ އާއި 1200ރ އަށް ލިބެންހުރި މިރުސް ކިލޯއެއް މިއަދު 400 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަގެއްގައި ލިބެން އެބަހުއްޓެވެ.

ބާޒާރަށް ބޭރުން ގެންނަ ޔުގެންޑާ މިރުހުގެ އަގަށް ބަލާއިރު 100 ގްރާމް މިރުސް އުޅެނީ ގާތްގަނޑަކަށް 35 ރުފިޔާގެ އަގެއްގައެވެ. މިރުސް ކިލޯއެއްވެސް އެންމެ ބޮޑުވެގެން ޖެހެނީ 350 ރުފިޔާއަށެވެ. އެހެންކަމުން ބާޒާރުގައި މިހާރު ޔުގެންޑާ މިރުސް މަޤްބޫލުވަމުންދާކަމަށް ގިނަ ވިޔަފާރިވެރިންވަނީ ފާހަގަކޮށްފައެވެ.

ކަނޑޫދޫ މިރުހާއި ޔުގެންޑާ މިރުހުގެ އިތުރުން ބާޒާރުގައި ވިއްކަމުންދާ މިރުހުގެ ތެރޭގައި ތޮއްޑޫއިން ގެންނަ މިރުހާއި ތުލުސްދޫ މިރުސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، މި މިރުހަށްވުރެ ވެސް ކަނޑޫދޫ މިރުހާއި ޔުގެންޑާ މިރުސް މިވަނީ އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ.

ރޯދަމަހުން 3 ދުވަސް ފާއިތުވެފައިވާއިރު ބާޒާރުގައި ގިނަ ބާވަތްތަކުގެ އަގު މިހާރު ވަނީ ހެޔޮވެފައެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މި ދުވަސްކޮޅު ގޮޅިތަކަށް ގެންނަ ތަކެތި އިތުރުވަމުންދާތީ، ރަމަޟާންމަހުގެ ކުރިއަށްއޮތް ދުވަސްތަކުގައި އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.