ޚަބަރު

ށ.ފޯކައިދޫ ޓީމް ވަރުގަދަ ކުރުމަށް ޓްރަޔަލްސްތައް ފަށަނީ


ދިވެހި ޕްރިމިއަރ ލީގަށް ތައްޔާރުވަމުންދާ ށ.ފޯކައިދޫ ޓީމް ވަރުގަދަ ކުރުމަށް އާ ކުޅުންތެރިން ހޯދަން ޓްރަޔަލްސްތައް މިހަފްތާތެރޭގައި ފަށާނެކަމަށް އެޓީމުން ބުނެފިއެވެ.

ށ.ފޯކައިދޫއަކީ ކުރިއަށް އޮތް ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވަމުން އަންނަ އެއް ޓީމެވެ. މިގޮތުން އެޓީމުންވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި އެކުލަބަށް މިދިޔަ އަހަރު ކުޅުނު މުހިންމު ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓްވެސް އާކޮށްފައިއެވެ. މީގެ އިތުރުން ބިދޭސީ ގޯލްކީޕަރު ހަނީފް ސާގިބްވެސް އެކުލަބަށްވަނީ ގެނެސްފައިއެވެ. ފޯކައިދޫ ޓީމުން ބުނީ ޓީމް ވަރުގަދަ ކުރުމަށް ކުރިޔަށް އޮތް ހަފާތެރޭގައިވެސް ޓްރަޔަލް ކުރިޔަށްދާނެކަމަށާއި ޓީމް ފައިނަލްކޮށް ނިމޭވަރުވާނީ އެއް ހަފްތާވަރު ފަހުންކަމަށެވެ. އަދި ޓީމާއި ގުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު އޮންނާނެކަމަށާއި، ރަސްމީކޮށް ކުލަބުގެ ފަރިތަކުރުންތައް ފަށާނީ އެއްކޮށް ޓީމް ފައިނަލްވުމުންކަމަށެވެ. ފޯކައިދޫ ޓީމުން އަންނަނީ ކުރިން ރާއްޖޭގައި ކުޅެފައިވާ ބިދޭސީ އިތުރު ކުޅުންތެރިން ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ. މިގޮތުން ފަރިތަކުރުންތައް ފެށުމުގެ ކުރިން ކީޕަރު ސާގިބާއިއެކު އިތުރު ކުޅުންތެރިއެއް އެޓީމާއި ގުޅޭނެކަމަށް މިދިޔަ ސީޒަންގައިވެސް ޕްރިމިއަރ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި ފޯކައިދޫ ޓީމުން މައުލޫމާތުދިނެވެ.