ޚަބަރު

ވެސްޓް ޕާކު ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ހަދަނީ


މަލޭ ވެސްޓް ޕާކު ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ ވެސްޓް ޕާކު ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމުކުރުމަށް ނިންމީ ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްކަމަށެވެ.

ކަނބާއައިސާ ރަނި ހިނގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަޙައްދުގައި ހެދުމަށް ނިންމާފައިވަނީ ފަންސާސް ފޫޓު ސަތޭކަ ފޫޓުގެ މާރުކޭޓެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިމާރުކޭޓުގައި ރަށްރަށުން ގެންނަ ކުރުނބާ، ކަރާ އަދި ކާށި ފަދަ ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މިސަރަޙައްދުގައި ޤާއިމުކުރާ ވަގުތީ މާރުކޭޓަކީ ރޯދައަށް ހުޅުވާތަނެއްކަމަށާއި އެތަނުގައި ވިޔަފާރި ކުރުމަށް އެދޭ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހިލޭކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ކުރިއަށް އޮތް 2 ދުވަހެއްގެ ތެރޭގައި މާރުކޭޓުގެ ޚިދުމަތް ޢާއްމުނަށް ލިބޭނެ ގޮތް ހެދުމަށް ސިޓީ ކައުންސިލުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ރޯދައާ ގުޅިގެން މާލޭ ވެސްޓް ޕާކާއި ނޯތް ހާބަރު ސަރަޙައްދުގައި ވަގުތީ މާރުކޭޓު ޤާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށްރަށުން ތަކެތި ގެނެސްގެން ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށްޓަކައި ވިލިމާލޭގައިވެސް މާރުކޭޓެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

ރޯދަމަހާ ދިމާކޮށް އެކި ރަށްރަށުން ގެންނަ ކާބޯތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދާއިރު މާލޭގައި އަމިއްލަ ފަރާތްތަކުންވެސް ދަނީ މާރުކޭޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެގޮތުން މަޖީދީމަގާއި ދިލްބަހާރު މަގު ގުޅޭ ކަންމަތީގައި އަމިއްލަ ފަރާތަކުން ދަނީ ރޯދައަށް ބޭނުންވާ އެކި ބާވަތްތައް ވިއްކަމުންނެވެ.