ޚަބަރު

ޗައިނާއަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވަފާނޭކަމުގެ އިންޒާރު އެމެރިކާއިން ދީފި


އެމެރިކާ އާއި ޗައިނާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ މަޝްވަރާތަކުން އެއްބަސްވުމެއް ޤާއިމުނުކުރެއްވިޖެނަމަ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން ދުއިސައްތަ މިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް އިތުރުކުރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށާއި، މި މަޝްވަރާތައް ކުރިއަށްދަނީ އާދަޔާ ޚިލާފަށް ލަހުންކަމަށެވެ.

އަދި މިކަމަކީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، މި ހަފުތާގައި ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން ދުއިސައްތަ މިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް އިތުރުކޮށް ދާދި އަވަހަށް އިތުރު މުދަލުންވެސް ޓެކްސް ނެގުމުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

އެމެރިކާގެ ރައީސްގެ މި ހަރުކަށި ވާހަކަތަކަށް ފަހު މި ހަފުތާގައި ވޮޝިންޓަންގައި ބާއްވާ ވިޔަފާރީގެ ވާހަކަތަކުގައި ޗައިނާއިން ބައިވެރިނުވާނެކަމަށް ބެލެވުނު ނަމަވެސް، އެ ޤައުމުގެ ވަފުދެއް މި ހަފުތާގައި އެމެރިކާއަށް ދާނެ ކަމަށް، ޗައިނާގެ ޚާރިޖިއްޔާއިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

ޗައިނާއިން ބުނެފައިވަނީ މަޝްވަރާތަކުގެ މާހައުލު މިހާރު ބަދަލުވެފައިވާ ކަމަށާއި، މިހާރު ހުރިހާ ކަމެއް ވެސް ބިނާވެފައިވަނީ މިކަމުގައި އެމެރިކާއިން ގެންގުޅޭ ވިސްނުމަށް ކަމަށެވެ.