ސިޔާސީ

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭނީ ވަކި ބައެއް ނޫން، މުޅި ދަޢުލަތް - މާރިޔާ


ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައެއްގައި މުޅި ދަޢުލަތް އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ހިންގަން ޖެހިފައިވާ ހަނގުރާމައަކީ މުޅި ސަރުކާރު އެކުވެގެން ކުރެވޭނެ ހަނގުރާމައެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ފުލުހުންނާއި ސިފައިންނާއި ދަޢުލަތުގެ އެހެނިހެން މުޢައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "އެކުވެރިކަމަކީ ބާރެއް" އެ އުޞޫލުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރ މާރިޔާ ޓްވީޓާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން އެކަމަނާއަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ވަކި ބައެއްގެ ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ނޫން ކަމަށެވެ. އެކަމަކީ ދަޢުލަތުގެ ހުރިހާ ވުޒާރާއެއްގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަށުގައި އެންސީޓީސީ އޮންނާތީވެ ބައެއް ފަރާތްތަކުން އެބަ ވިދާޅުވެ އަދި ހީ ކުރައްވާ އެބަ ޓެރަރިޒަމާއި ގުޅުންހުރި ހުރިހާ ކަމެއް ދެން ކުރާނީ މިތަނުންނޭ. އެހެނެއް ނޫން އިނގޭތޯ. ޓެރަރިޒަމުގެ ވާހަކަ ދައްކާއިރު ޓޫރިޒަމް މިނިސްޓްރީއަކީވެސް އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް. އެއީ ކީއްވެތޯ. އެއީ އެފަދަ ޙަމަލާއެއް އަތުވެއްޖެ ނަމަ އެއީ ފަތުރުވެރިކަމަށް ކުރާނެ އަސަރާއި މިފަދަ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަން. ހޮސްޕިޓަލުތަކުންވެސް މިފަދަ މަޝްވަރާތަކުގައި ބައިވެރިވާނެ. އެއީ ހޮސްޕިޓަލުތައް އޮތީ ކިހާ ވަރަކަށް ތައްޔާރުވެފައިތޯ. އެހެންވީމަ މިއީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓު ----

މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި ޓެރަރިޒަމާއި ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ޢާއްމު ރައްޔިތުންނަކީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ބައެއް ކަމަށެވެ. ޚާއްސަ ގޮތެއްގައި އެފަދަ މަޢުލޫމާތެއް ރިޔާވެސް ލިބިއްޖެ ނަމަ ލަސްނުކޮށް ކަމާގުޅުންހުރި އިދާރާއަކަށް އަންގަންވާނެ ކަމަށް މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަވަށްޓެރި ލަންކާއަށް ދިން ޙަމަލާއަށްފަހު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އިހުނަށްވުރެ ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތްތަކާއި ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ.