ޚަބަރު

ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ޙިއްސާ އިތުރުކުރާނަން - ނައިބް ރައީސް


ރާއްޖޭގެ ވަޒީފާގެ ބާޒަރަކީ ދިވެހި ޒުވާނުންގެ ޙިއްސާ ބޮޑު ތަނަކަށް ހެއްދެވުމަށް، ދިވެހި ޒުވާނުންނަށް ބޭނުންވާ ތަމްރީންދީ، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ވަޒީފާއާބެހޭ ޓްރިބިއުނަލްގެ 10ވަނަ އަހަރީ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ މަތީ ފަންތީގައި، ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކުގައި ބިދޭސީން އުޅޭ މިންވަރު އިތުރުކަމަށެވެ. ރާއްޖޭގައިވެސް އެކި ދާއިރާތަކުން ހުނަރުވެރި މީހުން ތިބިކަން ފާހަގަކުރައްވައި ނައިބު ރައީސްވަނީ، ވަޒީފާ ދޭ ފަރާތްތަކުންވެސް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކި ޤައުމުތަކުގެ، ގިނަ ރޮނގުތަކުން ކުރިއަރާފައި ތިބި މީހުން އުޅުމަކީ ދިވެހިންނަށް އޭގެ ތަޖުރިބާ ލިބޭނެ މުހިންމުކަމެއްކަމަށްވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދް ވަރުގަދަކޮށް ރާއްޖެއަށްލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތް ހެދުމަށް، ދިވެހިން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުން މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ވަޒީފާ އަދާކުރާ ފަރާތްތަކުން އިޙްލާސްތެރި، ތެދުވެރި އަމާނާތްތެރި ބަޔަކަށް ވާންޖެހޭ. އަދި ހަމަ މުޢައްޒަފުންނާއި ދޭތެރޭ އޯގާތެރިކޮށް ކަންތައްކުރުރުމަކީ މުޢައްސަސާގެ މަސައްކަތްތައް ބާމިޔާބު ކުރުމަށްޓަކައި އެންމެ މުހިންމު ކަންތައް." ނައިބުރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށްދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތެއްކަމަށެވެ.