ޚަބަރު

ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް ވައްކަމުގެ ބޮޑު މައްސަލައެއް


ލޮނުޒިޔާރަތް މަގުގައި ހުންނަ އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އޮފީހުގެ ތިޖޫރީ ފަޅާލައި ދެ ލައްކައަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ތިޖޫރީއާއި، އޮފީހުގައި ހުރި ވަތްގަނޑުތައް ހިމެނޭހެން ޖުމްލަ ދުއިސައްތަ ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ތޭވީސް ރުފިޔާ ވަގަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:42 އެހާކަށްހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަޙުޤީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑަކީ ކާބޯތަކެތީގެ ސަޕްލައިކުރާ ކުންފުންޏެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހެނދުނުގެ ވަގުތަކީ ރޯދަމަހު އެންމެ ގިނައިން ވައްކަން ކުރާ ވަގުތެވެ. ފުލުހުން ވިދާޅުވީ ހެނދުނުގެ ވަގުތުތަކުގައި އެފަދަ ޢަމަލެއް ބަޔަކު މީހުން ކޮށްފާނެ ކަމަށް ޢާއްމު ރައްޔިތުންވެސް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.