ރޯދަމަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ކާރޫބާރު ބޮޑު މަހެކެވެ. ވަކިން ޚާއްސަކޮށް ބާޒާރުމައްޗަކީ ރޯދަމަހު ވަރަށް ބޮޑަށް ތޮއްޖެހޭ ހިސާބެކެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަކި މިންގަނޑުތަކެއް ކަނޑައަޅައެވެ. މިއަހަރުވެސް ޓްރާންސްޕޯޓް އޮތޯރީޓިން މިވަނީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައެވެ.
ރަމަޟާން މަހު މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު ނުވައަކަށް މާލޭގެ މަގުތަކުގައި މަޑުކޮށްގެން ތިބެ މުދާ އަރުވާ ބޭލުން މަނާކޮށްފައެވެ. އަދި މި ގަޑީގައި މުދާ އުފުލުންވެސް ވަނީ މަނާކޮށްފައެވެ. ޓްރާންސްޕޯޓުން ބުނީ މި ބަދަލަށް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން އަމަލުކުރަމުން ގެންދާނެކަމަށެވެ.
މުދާ އުފުލޭނެ ގަޑިތައް ކަމަށް ޓްރާންސްޕޯޓުން ކަނޑައަޅާފައިވަނީ ގަޑިތަކަކީ ހެނދުނު 9:00އިން ފެށިގެން 15:00އަށް އަދި ރޭގަނޑު 21:00އިން ފެށިގެން ހެނދުނު 6:00އަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެގަޑިތަކުގައި ހުރިހާ ބާވަތެއްގެ ފަސް އަދި ހުރިހާ ގިންތިއެއްގެވެސް މުދާ އުފުލޭނެ ކަމަށެވެ.
ޓްރާންސްޕޯޓުން ބުނީ ހެނދުނު 9:00އިން ފެށިގެން 15:00އާ ހަމައަށް ފެނާއި ކައްކާ ގޭސް އުފުލާ ކަމަށްވާނަމަ އުފުލޭނީ 350 ކިލޯއަށްވުރެ ލުއިކޮށް މުދާ އުފުލުމަށް ހުއްދަކޮށްފައިވާ އެއްގަމު އުޅަނދެއް ކަމަށެވެ.
މާލޭގެ މަގުތަކުގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ސިނަމާލެ ބްރިޖުގައިވެސް މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅާފައެވެ. އެގޮތުން ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުލެއަށް މުދާ އުފުލޭނީ ހެނދުނު 9:00އިން ފެށިގެން މެންދުރުފަހު 15:00އާ ހަމައަށެވެ. އަދި ދަންވަރު 1:00އިން ހެނދުނު 6:00އަށް މުދާ އުފުލޭނެއެވެ.
ޓްރާންޕޯޓުން ބުނީ ރޯދަމަހު ބަރު އެއްވެސް އުޅަނދެއް ބްރިޖު ހުރަސް ނުކުރެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ. އަދި ބްރިޖް މެދުވެރިކޮށް މުދާ އުފުލާ ފަރާތްތައް މުދާ އުފުލަން ވާނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
މާލޭގެ މަގުތަކުގައި ރަމަޟާން މަހު މުދާ އުފުލޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާފައި މިވަނީ ހަވީރުގެ ވަގުތުތަކުގައި ގިނަ ޢަދަދެއްގެ މީހުން ރޯދަ ކުރުކޮށްލުމަށްޓަކައި ބޭރަށް ނިކުމެ އުޅޭނެތީ އެފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. މި ބަދަލާއެކު މި ރޯދަމަހު މާލޭގެ މަގުތައް ތޮއްޖެހުން ކުޑަވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.