ޚަބަރު

ކުޅިވަރަކީ އުނގެނުމުގެ އެންމެ މުހިންމު އެއް އަސާސް - ނައިބް ރައީސް


ކުޅިވަރަކީ ވަށައިޖެހޭ ތަޢުލީމެއްގައި އުނގެނުމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ، މޯލްޑިވްސް ވެޓަރަންސްއިން އިންތިޒާމުކޮށްގެން ބޭއްވި ޑެވަންޑެލް ކިޑްސް ފުޓްބޯލް ފިއެސްޓާގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މިސަރުކާރުން ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކެއް ދެމުން ގެންދާ ކަމަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ވަރަށް ބޮޑަށް އެކަމަށް ބާރު ލިބިގެންދާ ކަމަށެވެ. އަދި ކިޑްސް ފިއެސްޓާގެ ސަބަބުން ޒުވާން ހުނަރުވެރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމަށް ވަރަށް ފަހި ފުރުސަތެއް ލިބިގެންދާ ކަމަށާއި، އޭގެ ފޮނި ނަތީޖާ މުސްތަގުބަލުގައި ފެނިގެންދާނެ ކަމަށްވެސް ނާޢިބު ރަޢީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ގެންގުޅުމުގެ މުހިންމުކަން ދެނެގަނެ މިފަދަ ބޮޑު ފިއެސްޓާއެއް ބޭއްވުމުގައި ބެލެނިވެރިންގެ އެއްބާރުލުން ފެނި އެކަމާއި އުފާކުރައްވާ ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ހަރަކާތްތަކަށް ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މޯލްޑިވްސް ސޮކާ ވެޓަރަންސްއިން އިންތިޒާމުކޮށްގެން ބާއްވާ ކިޑްސް ފިއެސްޓާއަކީ ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ އެންމެ ގިނަ އަދަދެއްގެ ކުދިން ޝާމިލުވާ ކުޅިވަރު ފިއެސްޓާއެވެ.