ޚަބަރު

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރު!


ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ މިސްކިތްތައް ޒިނަތްތެރިކޮށް އާބާރުތަ ފިލުވުމަކީ ޒަމާނުއްސުރެ ދިވެހިން ކޮންއުޅުނު އެމީހުންގެ ސަޤާފަތާ ގުޅިފައިވާކަމެކެވެ. ޒަމާނަށް އައި ބަދަލާއެކު ދައުލަތުން މުވައްޒަފުން ލައްވައިގެން މިސްކިތްތައް ބަލެހެއްޓުމުގެ އިންތިޒާމުތަކަށް ގެންނެވި ބަދަލާއެކު މިއާދައަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިކަމަށްވެއެވެ.
އެހެންނަމަވެސް އަނެއްކާވެސް ދިވެހިންގެ މިރީތިއާދަ މިވަނީ އަލުން އާލާވާން ފަށާފައެވެ.

މިސްކިތްތައް އާބާތުރަފިލުވުމަކީ އެންމެ އިހު ޒަމާނުއްސުރެ ސަޤާފަތެއްގެގޮތުގައި ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. ސަރުކާރުގެ މުއައްސާތަކާއި ޢާއްމު ރައްޔިތުން އިސްނަގައިގެން އެމީހުންގެ އަމިއްލަ ކަމެއްގެގޮތުގައި ކުރަމުން އަންނަ މުހިންމު މަސައްކައްކަތަކަށް މިކަން އޮންނަނީ ވެފައެވެ.
ވެރިރަށް މާލޭގައިވެސް މިކަންއޮތީ މިގޮތަށެވެ. މާލޭގެ މިސްކިތްތަކުގެ ތެރެއިން ހުކުރު މިސްކިތަކީ މިފަދަ އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަތާ އެންމެގިނަ ޒަމާންވެފައިވާ އެއް މިސްކިތެވެ.

މިއީ ރާއްޖޭގެ އިސްލާމީ ވަޙްދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ބިނާއެވެ. މިއީ ދިވެހިންގެ ދީނާއި ތަޢުލީމާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ރަމްޒުކޮށްދޭ އަގުހުރި ބިނާއެއްވެސް މެއެވެ.
މި ބިނާ ޙިމާޔަތްކޮޑށް ދެމެހެއްޓުމަކީ ރާއްޖޭގެ ރަސްރަސްކަލުންނާއި ބޮޑުވަޒީރުންނާއި ރައީސުންވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ކަމެކެވެ.

މިއަހަރުގެ ރަމަޟާންމަހަށް ހުކުރުމިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އިސްވެ ފެށްޓެވީ ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫނާއި އެމިނިސްޓްރީގެ އިސް މުވައްޒަފުންނެވެ. މިއަހަރު މިމަސައްކަތް ކުރާތަން ފެނުނީ ވަރަށް ތަފާތު އެހާމެ ޝައުޤުވެރިކުރުވަނި ގޮތަކަށެވެ. މިނިސްޓްރީގެ ސިޔާސީ އިސްވެރިންނާއި އިސް މުވައްޒަފުން ނުކުމެވަޑައިގެން މިސްކިތުގެ ވަޅުދިޔަ ހިއްކުމަށް ވަޅަށްވެސް ފޭބިއެވެ. ވަޅުގެ ފެހިކަހައި ރީތިކުރިއެވެ. ގޯތިތެރެއަށް ދޮންވެލިވސް ލިއެވެ. މިފަދަ އެތައް މަސައްކަތަކާއެކު އިހު ޒަމާނުގައި މިފަދަ މިސްކިތްތައް ސާފުކޮށް އުޅުނު ގޮތުގެ ނަމޫނާއެއް މިބޭފުޅުންގެ މަސައްކަތުން ތަމްސީލުވެގެން ދިޔައެވެ.

"ޒަމާނުއްސުރެއް މިސްކިތްތައް ސާފުކުރަމުން އަންނަ ގޮތަށް މިފަހަރު މިކުރަނީ. ވަޅު ފެހުކަހައިގެ ވަޅުދިޔަހިކުމާއި، ގޯތިތެރޭގައި އޮތް ވެލިތައް ނަގައި އާ ވެލި ލުމާއި، މުންނާރާއި މިސްކިތުގައި ހަލާކުވެފައި ހުރި ތަންތަން ހެދުން ހިމެނޭ." މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅުވިއެވެ.

މީގެއިތުރުން މިސްކިތު ބޭރު ފާރު ވަށައިގެން ކުލަ ލުމާއި، މިސްކިތު ގޯތިތެރޭގައި ހުރި ބައެއް ކުނި ފަދަ ތަކެތި ނަގައި، ހުކުރު މިސްކިތުގެ ޤަބުރަސްތާނު ހުރި ސަރަޙައްދުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއެވެ.

މިބޭފުޅުންގެ މަސައްކަތުގެ ފޯރީގެ ވާހަކަ އަޑުއިވިވަޑައިގެން މިމަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޟާލިޙްވަނީ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޢަމަލީގޮތުން ބައެއް މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މިސްކިތުގެ މުންނާރާއި، މިސްކިތުގައި ހުރި އާސާރީ ޒިޔާރަތްތައް ބައްލަވާލައްވައި ހުކުރު މިސްކިތުގެ އާސާރު ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ހުކުރު މިސްކިތުގެ މިހާރު ފެންނަން ހުރި ބިނާއަކީ އެންމެ ފުރަތަމަ އެ ބިމުގައި އެޅި މިސްކިތް ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ އެކިކަންކޮޅުތަކުން ހިރިގާ ނަގައިގެން ގެނެސް މާލޭގައި ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެވެ. މި މިސްކިތް ބިނާކޮށްފައިވަނީ މީލާދީން 1656ގައި އައްޞުލްތާން އިބްރާހީމް އިސްކަންދަރު 1ގެ ބެއްލެވުމުގެ ދަށުންނެވެ.