ޚަބަރު

ސިފައިންގެ ޚާއްސަ ތަމްރީނުތަކެއް މާލޭ ސަރަޙައްދުގައި ކުރިއަށްގެންގޮސްފި


ކުއްލި ޙާލަތްތަކުގައި ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވާނެ ގޮތްތަކާގުޅޭ ތަމްރީންތަކެއް ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ތަމްރީންތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ބްރިގޭޑިއާ ޖެނެރަލް ޙާމިދު ޝަފީގު ވިދާޅުވީ ސިފައިން މިހާރު ކުރިއަށްގެންދާ ތަމްރީނުތަކަކީ އައި.އީ.ޑީއެއް ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ފެނިއްޖެ ޙާލަތެއްގައި ކަމާގުޅުންހުރި މުވައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ތަމްރީނުތަކެއްކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި ކަމާ ގުޅުންހުރި ފަރާތްތަކުން އެއްބާރުލުންދޭނެ ގޮތްތައް ދެނެގަތުމަށް މިތަމްރީންގެ ތެރެއިން މަސައްކަތްކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި އެކި ނުރައްކާތެރި ޙާދިސާތައް ހިނގައިފިނަމަ ޢަމަލުކުރާނެ ގޮތްތައް ފަރިތަކުރުން މީގެ ބޭނުމަކީ. މިއަދު މި ފަތިރަކުރުންތައް ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގައި ބޮމުގެ ޙަމަލާއެއް ނުވަތަ އައިއީޑީއެއް ފެނިއްޖިއްޔާ މަސައްކަތްކުރާނެ ގޮތާއި އަދި އޭގައި އިންޓަރ އޭޖެންސީ ކޯޑިނޭޝަން ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާނެ ގޮތް މިފަރިތަކުރުންތަކުގައި ކުރިއަށްގެންދިޔައީ." ބްރިގޭޑިއާ ޖެނެރަލް ޙާމިދު ޝަފީގު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މިފަދަ ތަމްރީނުތަކަކީ ބަދަލުވަމުންދާ ދުނިޔޭގެ މަސްރަޙާމެދު ހޭލުންތެރިވެ ތިބުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތަކެއްކަމަށެވެ. އަދި ނުރައްކާތެރި ޙާދިސާއެއްގެ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާކާ ގުޅިގެން ޢަމަލުކުރާނެ ގޮތް މިފަދަ ތަމްރީނުތަކުން އެނގިގެންދާނެކަމަށެވެ.

"މިފަދަ ތަމްރީނެއްގެ ސަބަބުން ނުރައްކާތެރި ޙާލަތެއްގައި ސިފައިންނަށް އެއްބާރުލުން ދޭންޖެހޭ މިންވަރު ފެނިގެންދިޔަ. އަޅުގަނޑުމެން ރައްޔިތުންގެ ކިބައިން އެދެނީ ގޮވާ ޒާތުގެ އެއްޗެއްކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެނަމަ ފުލުހުންނަށް ނުވަތަ ސިފައިންނަށް އެކަން އަންގަވައިދެއްވުން ވަރަށް ބޮޑަށް އެދެން." އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނުތައް ބައްލަވައިލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށް ވަޑައިގަންނަވާފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މިތަމުރީނުތައް މާލޭގައި ކުރިއަށްގެންގޮސްފައިވަނީ އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަޙައްދުގައެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑްކުއަރޓަރސް ކައިރީގައެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ ޚާއްސަ ތަމްރީނުތައް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހިނގާނެކަމަށް އެމްއެންޑީއެފާއި ފުލުހުން ވިދާޅުވިއެވެ.