ޚަބަރު

ޓެރަރިޒަމާއި ދެކޮޅު ބައްދަލުވުމަކަށް ކޮމިޝަނަރ އޮފް ޕޮލިސް އިގިރޭސިވިލާތަށް


ކައުންޓަރ ޓެރަރިޒަމާގުޅޭ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މިދަތުރުފުޅަކީ ކުއްލި ޙާލަތްތަކުގައި ދިމާވާ ކަންކަމާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް ރާއްޖޭގައި މިފަދަ ޙާލަތްތަކުގައި ޢަމަލުކުރަން ރާވާފައިވާ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުންނެވެ. މިމަޝްވަރާތަކުގައި ރާއްޖޭގައި ނުރައްކާތެރި އަދި ކުއްލި ޙާލަތްތަކުގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއެކު މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޓުރިޒަމްގެ ފަރާތުންވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތްތަކާއި އެފަދަކަމަކާއި ކުރިމަތިލުމަށް ދިފާޢީގޮތުން ކުރަންހުރި ކަންކަން ދެނެގަނެ ޢާއްމުން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކާއި ގުޅޭގޮތުން ރާއްޖެއިން ތައްޔާރީ ޙާލަތަކަށް އައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.