ޚަބަރު

ބަދަލުނުވި ދިވެހިންގެ ރޯދަ މޭވާ ކަރާ


ދިވެހިންނަށް ރޯދަމަހާއި އެންމެ ބޮޑު ގުޅެމެއް އޮންނަ އެކައްޗަކީ ކަރާކަން ޔަޤީންނެވެ. ރޯދަމަސް ފެށުމުން އެކަކު އަނެކަކަށް ރޯދަމަހުގެ ތަހުނިޔާ ކިޔާލަން ހަދާ ގިނަ މެސެޖުތަކުގައިވެސް ފެންނަން ހުންނާނީ ކަރަލެވެ. ފިހާރަތަކުން ރޯދަމަހަށް ސޭލެއް އެޅުވިނަމަވެސް އެ އިސްތިހާރެއްގައިވެސް ކަރަލުގެ ކޮންމެވެސް ބައެއް ނުހިމެނި ނުދާނެއެވެ.

ރޯދަ ވީއްލާ ސުފުރާމަތީ ފަނީގެ ކިތަންމެ ގިނަ ބާވްތަތްތަކެއް ހުރި ނަމަވެސް ކަރާ ފަނި ސުފުރާގެ ކޮންމެވެސް ހިސާބެއްގައި ހުންނަންޖެހެއެވެ. މި ހުރިހާކަމަކުންވެސް ދިވެހިންނަށް ރޯދަމަހު ކަރަލާއި އޮތް ގުޅުން ފެނިގެންދެއެވެ.

ކަރަލަށް ދިވެހިން ކިތަންމެ މަޤްބޫލުކަމެއް އޮތްނަމަވެސް ކަރަލުގެ އަގު އުފުލިގެން ނުދާ ރޯދަ މަހެއް ނާދެއެވެ.

ރާއްޖޭގެ އެކި ރަށްރަށުންނާއި ރާއްޖެއިން ބޭރުންވެސް ރާއްޖެއަށް ކަރާ އެތެރެކުރެއެވެ. ރަށްރަށުގައި ކުރިޔާލާއި ދަނޑުތައް ހައްދާ ރޯދައަށް ގިނަ އަދަދެއްގެ ކަރާ މާލެ ގެނެއެވެ. މާލޭގެ ބާޒާރަށް ކަރާ ގެންނަ އެންމެ ފަހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ތޮއްޑޫއާއި ކަނޑޫދޫ އާއި ކ. ކާށިދޫ ހިމެނެއެވެ. އަދި ލ. އަތޮޅުންވެސް ބާޒާރަށް މަދުން ނަމަވެސް ކަރާ ގެނެއެވެ.

މި ފަހަރު ރަމަޟާން މަސް ފެށުމާއި އެކު ބާޒާރުގައި މިހާރު ކަރާގެ އަގުތައް ހުރީ 35 ރުފިޔާ އާއި 45 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ ބާޒާރަށް ބަލާލާއިރު ދިވެހި އުފެއްދުންތައް އެހާ ތިޔާގިކަމަށް ފެންނަން ނެތްނަމަވެސް ކަރަލުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ކަރަލުގެ އަގުތަކަށް ބަދަލެއް އަންނާނެކަމަށް ނުފެންނަކަށެވެ. ވިޔަފާރިވެރިން ބުނީ ރޯދަ ނިމެންދެން ކަރާލުގެ އަގު މީހާރު ހުރި ވަރަށް އެއްވަރަށް ހިފެހެއްޓިފައި ހުންނާނެކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކަރާ ހައްދާ ރަށަކީ ތޮއްޑޫއެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހަށް އެރަށުން ގިނަ އަދަދެއްގެ ކަރާ މާލެއަށް ގެނެއެވެ. މިއަހަރުގެވެސް ރޯދަމަހަށް ބާޒާރުގައި ތޮއްޑޫ ކަރާ ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެރަށުގެ ދަނޑުވެރިން ބުނެއެވެ.