ކުޅިވަރު

އާތިފް އާއި އަންވަރު ފަތާފައި އައްޑޫ ހުރަސްކޮށް ތާރީހުގެ ތެރެއަށް


ފަތާފައި ގަދަ ކަނޑު ހުރަސްކޮށް އައްޑޫ ސިޓީ ހުރަސްކުރުމުގެ ޝަރަފު އާތިފާއި އަންނަވަރު ހޯދައިފިއެވެ.

ޑިސްކަވަރ އައްޑޫގެ ފަރާތުން އިންތިޒާމުކުރި 'ކްރޮސިންގް އައްޑޫ' ގެ ނަމުގައި ބޭއްވި ފެތުމުގައި އާތިފާއި އަންވަރު ވަނީ 18 ކިލޯ މީޓަރު ފަތާފައެވެ. މި ހަރަކާތުގައި އައްޑޫސިޓީ ހުޅުމީދޫ އިން ފެށިގެން އައްޑޫގެ އެތެރެވަރިން ކަނޑު ހުރަސްކޮށް ހިތަދޫ އާއި ހަމައަށް ވަނީ މި ދެ ބައިވެރިން ފަތާފައެވެ.

ޑިސްކަވަރ އައްޑޫ އިން ބުނީ މި ހަރަކާތަކީ، މިހާތަނަށް ހުއްޓާނުލާ އެންމެ ދުރަށް ފެތި ފެތުންކަމަށެވެ. އެގޮތުން އާތިފާއި އަންވަރު ކަނޑުމަތީ ނުވަ ގަޑިއިރު ހޭދަކޮށްފައިވާކަމަށެވެ.

ފެތުން ނިންމާލުމަށްފަހު ޕީއެސްއެމާއި ވާހަކަ ދައްކަމުން އާތިފާއި އަންވަރު ބުނީ މިއީ މިހާތަނަށް ފެތި އެންމެ އުނދަގޫ ފެތުން ކަމަށެވެ. ދެކުނުގެ ސަރަހައްދަށް ވިއްސާރަ ދުވަސްވަރަކަށް ވުމުން ވިލާގަނޑެއްގައި ޖެހި ގަދަ ކަނޑުގައި ފަތަން ޖެހުމުން ދަތިތަކާއި ކުރިމަތިވިކަން ދެ ބައިވެރިންވެސް ފާހަގަކުރިއެވެ.

ނަމަވެސް މިފެތުން ފުރިހަމަ ކުރެވުމުން ދެފަރާތުން ވެސް ވަނީ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށް ބުނެފައެވެ. އަދި މޫދަށް ޕްލާސްޓިކް ފަދަ ތަކެތި އެޅުން ހުއްޓައި، ކަނޑުތަށް ހިމާޔަތް ކުރުން މުހިންމުވެފައިވާ ކަން ވަނީ ފާހަގަ ކޮއްފައެވެ. އެގޮތުން މިހަރަކާތް ފެށީ ހުޅުމީދޫއިން ކަމަށް ވީހިނދު ހުޅުމީދޫގެ ޝަމްސުއްދީން ސްކޫލުގެ ދަރިވަރުންނަށް ވަނީ 'އޯޝަން ކޮންސަވޭޝަން' އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ.

ހަރަކާތް ނިންމާލުމަށް ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި ރަސްމީއްޔާތެއްގައި ފަތުމުގައި ބައިވެރިވި އެންމެންނަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮއްފައެވެ. މިފެތުގައި ލައިފްގާޑް އެސޯސިއޭޝަން އަދި ސްވިމް އައްޑޫގެ 30 އަށް ވުރެ ގިނަ ފެތުން ތެރިން ބައިވެރިވިއެވެ.

ރައްޖޭގެ ތަރީހުގައިވެސް ނުހުއްޓައި އެއް ރަށުން އަނެއް ރަށަށް އެންމެ ދިގު ފެތުމެއް ފެތި ބަޔަކަށް އާތިފް އާއި އަންވަރު މިވަނީ ވެފައެވެ. މިދެފެތުންތެރިން ފަތަމުން ދިޔައިރު ފެތުންތެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް ކެނޯބޯޓު އަދި ޑިންގީ ކައިރީގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

މިހަރަކާތް ފެށުމުގައި އަދި ނިންމުމުގައިވެސް އައްޑޫސިޓީ މޭޔަރ އަދި ލައިފްގާޑް އެސޯސިއޭޝަން އާއި ސްވިމް އައްޑޫގެ ފެތުން ތެރިން ވަނީ ބައިވެރިފައެވެ. މިހަރަކާތުގެ ޖުމްލަ އަށާރަ ކިލޯމީޓަރު ހަމަކޮއްފައިވަނީ ހަމަ އެކަނި އާތިފް އާއި އަންވަރެވެ.