ޚަބަރު

ބާރުބޮޑުވާ މަގުތަކަށް ފުލުހުން ނެރޭނެ


ރޯދަމަހު މާލޭގެ ލޯކަލް މާރުކޭޓާއި ބަނދަރުސަރަޙައްދާއި ބްރިޖާއި ހައިވޭގެ ޓްރެފިކް ބެލެހެއްޓުމަށް ރަމަޟާންމަހު ޚާއްސަ ސަމާލަކެމެއް ދޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ރޯދަމަހަކީ މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ބާރުބޮޑުވާ ދުވަސްވަރަކަށްވާތީ ފުލުހުންވަނީ މިފަހަރު ދުރާލައި ޚާއްސަ ޕްލޭންތަކެއް އެކުލަވާލާފައެވެ.

ރަމަޟާންމަހަށްޓަކައި، ފުލުހުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މާލޭގެގެ ލޯކަލް މާރުކޭޓް ސަރަޙައްދާއި ސިނަމާލެ ބްރިޖް ސަރަޙައްދު ބެލެހެއްޓުމަށް ފުލުހުން ޚާއްސަ އިސްކަމެއްދެއްވާނެކަމަށެވެ. މީގެއިތުރުން މާލޭގެ އެންމެ ބާރުބޮޑުވާ 15 ސަރަޙައްދު ފާހަގަކޮށް އެސަރަހައްދުތައް ބެލެހެއްޓުމުގައިވެސް ފުލުހުން ޙަރަކާތްތެރި ވަމުންދާނެކަމަށްވެސް މިއަދު ފުލުހުން ވިދާޅުވިއެވެ. ކޮންމެ އަހަރަކުވެސް ރޯދަމަހު މަގުމަތީގައި އެންމެ ކާރޫބާރޫ ބޮޑުވާ އެއްސަރަޙައްދަކީ މާލޭ ބަނދަރުމައްޗާއި މާރުކޭޓް ސަރަޙައްދެވެ.

އެމްއެމްއޭގެ ޢިމާރާތުން ފެށިގެން މީރުބަހުރު ބަނދަރާހަމައަށް، ކޮންމެ ދުވަހެއްގެ 12:30އިން ފެށިގެން 18:30އާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭގޮތަށް ބަންދުކުރާނެކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ. އަދި މިގަޑިތަކުގައި އެސަރަޙައްދަށް ވަދެވޭނީ މުދާ އުފުލަން ހުއްދަ ދީފައިވާ ވަގުތުގައި، މިފަދަ ބޭނުމަން އެސަރަޙައްދައް ވަންނަ 4ފުރޮޅުލީ އުޅަނދަށް އެކަނިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ހެޑް އޮފް ޓްރެފިކް އޮޕަރޭޝަންސް ޔުނިޓުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތްފީ ވިދާޅުވީ އެސަރަޙާއްދުގެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، ބާރކުޑަވާނެގޮތްތައް ހެދުމަށް މަގުތަކަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައިވާކަމަށެވެ.

"މިހާރުވާނީ އެ ސރަަޙާއްދުގެ މަގުތަކުގައި މުދާ ނުބެހެއްޓުމަށް އަންގާފައި. އަދި މިގޮތަށް މިރޭ 12ގެ ނިޔަލަށް ހުންނަ ތަކެތި ނަގަންފަށާނަން." މުޙައްމަދު ލުތްފީ ވިދާޅުވީ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައިވެސް ފުލުހުންގެ ޗެކް ޕޯސްޓްތައް ޖަހައިގެންވެސް ހަރަކާތްތެރިވާނެކަމަށެވެ. އަދި ބްރިޖްގެ ޓްރެފިކަށް ބަލައި މެނުއަލްކޮށް ޓްރެފިކް ލައިޓްތައް ބޭނުންކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ނަމާދު ވަގުތުތަކާ ދިމާކޮށް، މިސްކިތްތައް ކައިރީގައި ބާރު ކުޑަކުރުމަށް ފުލުހުން ޙާރަކާތްތެރި ވުމަށްވެސް ހަމަޖެހިފައިވެއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުމަތީގައި ހިންގާ ނުރައްކާތެރި ޙާދިސާތައް ކުޑަކުރުމަށް ޢާއްމުންގެ އެއްބާރުލުން ދިނުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.