ޚަބަރު

ކުއްލި ނުރައްކާތަކުން ޤައުމު ސަލާމަތް ކުރުމާގުޅޭގޮތުން ސަލާމަތީ ބާރުތަކުން މަޝްވަރާކޮށްފި


ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަންކަމާއި، ކުއްލިއަކަށް ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަލާމަތީ ބާރުތަކުން މަޝްވަރާ ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު އެމްއެންޑީއެފުން ވިދާޅުވީ ޤައުމުގެ ސަލާމަތަށް ކުރިމަތި ވެދާނެ ނުރައްކާތެރި ހާދިސާ ތަކުން ރައްކާތެރި ވުމަށް ދުރާލައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިބައްދަލުވުމާގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފުން ނުދެއްވައެވެ.

މިބައްދަލުމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަވަށްޓެރި ސްރީލަންކާގައި މިދިޔަ މަހުގެ 21ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތެރިކާތެރިކަންކަމުން ސަލާމަތްވުމަށްޓަކައި ޤައުމީ ދިފާއި ބާރާއި ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.