ޚަބަރު

ކުޅުދުއްފުށީ "މަސްޖިދުލް ފިރުދައުސް" ހުޅުވައިފި


އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި ބިނާކުރި މިސްކިތް "މަސްޖިދުލް ފިރުދައުސް" ރަސްމީކޮށް ހުޅުވައި ނަމާދުކުރަން ފަށައިފިއެވެ.
މި މިސްކިތް ހުޅުވުމުގެ ގޮތުން ހުކުރުދުވަހު ފަތިސް ނަމާދު އިމާމުވެ ކުރެއްވީ ޑރ އިޔާޒުއެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި މިސްކިތަކީ ގާތްގަނޑަށް 450 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އިއްޔެގެ ހުކުރު ނަމާދުވެސް ކުރެއްވީ ޑރ އިޔާޒެވެ.

މި މިސްކިތް ހަދަން ހދ ކުޅުދުއްފުށީ ތަރި، މުޙައްމަދު ޒުހެއިރަށް ބިން ދޫކޮށްފައިވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 11 ވަނަ ދުވަހު އެވެ. ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކުރިނަމަވެސް މިސްކިތް ނުނިމުމުން އަލުން ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

9 އަހަރަށް ފަހު މިސްކިތް ހުޅުވިއިރު މި މިސްކިތަކީ މިހާތަނަށް ކުޅުދުއްފުށީގައި ބިނާކުރި އެންމެ ރީތި މިސްކިތްކަން ފާހަގަކޮށްލެވެއެވެ.