މުނިފޫހިފިލުވުން

އެމްބީސީއާއި ކެލާ ކައުންސިލް ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރަނީ


މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް މޯލްޑިވްސް ބްރޯޑްކާސްޓިންގ
ކޯރޕަރޭޝަންއާއި ގުޅިގެން ހިންގުމަށް މި ކޯރޕަރޭޝަންއާއި ހއ. ކެލާ ކައުންސިލް އާއި
ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.



މި އެއްބަސްވުމުގައި އެމްބީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަފީޤް އަދި ހއ. ކެލާ ކައުންސިލްގެ ފަރާތުން އެ
ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒްއެވެ.



އެމްބީސީން ބުނީ މި އަހަރުގެ ބޮޑު އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި  ކެލާ މަލިކު ދަނޑިޖެހުމާއި، މަންޑިކުޅުމާއި،
ދަފި ނެގުން އަދި ކައްލިކުޅުންވެސް ހިމެނޭކަމަށާއި އެމްބީސީގެ އީދު އުފާ
ހަރަކާތްތައް ރޭޑިއޯއާއި ޓީވީން ގެނެސްދޭނެކަމަށެވެ. އަދި ޢީދު ހަރަކާތްތައް
ޛުލްހިއްޖާ މަހުގެ ދިހައަކުން ފެށިގެން ބާރަވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެކަމަށް
އެމްބީސީން ބުނެއެވެ.



މި ކޯރޕަރޭޝަނުން ބުނީ އީދު ހަރަކާތްތައް ގެނެސްދޭނެ ރަށެއް
ކަނޑައަޅާފައިވަނީ އެކި ރަށްރަށުން ހުށަހެޅި ޕްރޯޕޯސަލްތައް
ބެލުމަށްފަހުގައިކަމަށެވެ.



އެމްބީސީގެ އެޑްވާންސް ޓީމަކުން މިހާރު ގެންދަނީ ކެލާއަށް ޒިޔާރަތްކޮށް
އެރަށުގައި ކުޅޭނެ ކުޅިވަރުތަކާއި، އެކުޅިވަރުތައް ބާއްވާނެ ތަންތަން ކަނޑައެޅުމާއި
އެހެނިހެން ތައްޔާރީތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ.
 

އެންމެފަހުން އެމްބީސީ އިން އަޟްޙާ ޢީދު ފާހަގަ ކޮށްފައިވަނީ ނ. ހޮޅުދޫ ގައެވެ.