ޚަބަރު

ފާއިތުވި ދުވަސްތަކުގައި ދިވެހި ނޫސްވެރިން ސާބިތުކަމާއެކު ކޮށްފައިވަނީ ޤައުމީ ޚިދުމަތްތަކެއް- ނާއިބް ރައީސް


ފާއިތުވި ދުވަސްތަކުގައި ދިވެހި ނޫސްވެރިން ސާބިތުކަމާއެކު ކޮށްފައިވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ ހިތްވަރު ގަދަ ބައެއްކަމަށެވެ. ވަރަށް ބިރުވެރި ދުވަސްތަކެއްގައިވެސް ޖެހިލުންވުމެއްނެތި ސާބިތުކަމާއެކު ނޫސްވެރިން ކުރި މަސައްކަތުން ޤައުމަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބުރައިސް ފައިސަލް ނަސީމު ވިދާޅުވީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ނޫސްވެރިންކުރީ ބުރަ މަސައްކަތެއްކަމަށެވެ. އަދި އެއީ ޤައުމީ ޚިދުމަތެއްކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނައިބު ރައިސް ވިދާޅުވީ ފާއިތުވި އެއްވެސް އަހަރެއްގައި ލިބިފައިނުވާ މިނިވަންކަން މިހާރު ނޫސްވެރިންނަށް ލިބިފައިވާކަމަށާއި އެހެންކަމުން ނޫސްވެރިންގެ ޒިންމާވެސް ބޮޑުވެފައިވާކަމަށެވެ. އަދި ލިބިފައި އޮތް މިނިވަންކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނާއިބް ރައީސް ވަނީ ނޫސްވެރިންނަށް އިލްތިމާކުރައްވާފައެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ޤައުމުތަކުން މިހާރު ރާއްޖެއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެފައިވަނީ ނޫސްވެރިންގެ މަސައްކަތުންކަން ފާހަގަ ކުރައްވާފައެވެ. އަދި ޤައުމުގެ ކަންކަން އިސްލާޙުކުރުމުގައި ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރުމަށްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.