ޚަބަރު

މިޑިއާގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި


ރާއްޖޭގެ ސިޔާސީ މާޙައުލުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާއި، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާތައް ހިމަނައިގެން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. މި ޕެނަލް ޑިސްކަޝަންއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން ބޭއްވި ޑިސްކަޝަނެކެވެ.

މި ޑިސްކަޝަންގެ ޕެނަލްގައި ބައިވެރިފައިވަނީ އެޑިޝަންގެ އެޑިޓަރ ރައީ މުނައްވަރާއި، މިނިވަން ނޫހުގެ ފަރާތުުން އައިޝަތު އާނިޔާއާއި، ދިވެހިރާއްޖޭގައި ހުންނަ "ރިޕޯރޓަރސް ވިތްއައުޓް ބޯޑަރސް"ގެ ކޮރެސްޕޮންޑެންޓް މުޙައްމަދު ޖުނައިދުއެވެ.

މި ބައްދަލުވުމުގައި ވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަންމަތީ ޚަބަރު ފެތުރުމަށް ރާއްޖޭގައި އޮތް ފުރުޞަތުތަކާއި މިކަމަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މީޑިއާތާކުގެ ކޮންޓްރޯލް ވަކި ބައެއްގެ އަތުގައި އޮތުމުގެ ސަބަބުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި އޮންނަންޖެހޭ ހަމަހަމަކަން ނެތުމާއި، އެފަދަ މައްސަަލަތައް ކުޑަކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންވެސް ވަނީ ވާހަކަދައްކާފައެވެ.

މި ބައްދަލުވުމުގައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ހުރި ކަންބޮޑުވުންތައް ޙިއްސާކޮށް، ރަަނގަޅުކުރަންހުރި ކަންކަމާއި ގުޅޭގޮތުންވެސް ޙިޔާލު ފާޅުކޮށްފައިވެއެވެ. އެގޮތުން ބައެއް ނޫސްވެރިންގެ ލިޔުންތަކުގައި މީހުންނާމެދު ނަފްރަތު އުފެދޭފަދަ ވާހަކަތަކާއި އަމިއްލަ ނިންމުންތައް ހިމަނަމުންދާކަން ފާހަގަކޮށް އެފަދަ މައްސަލަތައް ޕޮލިސީ ލެވަލްގައި ޙައްލުކުރެވޭނެ ހަރުދަނާ އުސޫލުތައް ހެދިފައި ހުންނަންޖެހޭކަން ޕެނަލްގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީޑިއާކައުންސިލާއި، ބްރޯޑްކޮމްފަދަ، މީޑިއާގެ ބެލެނިވެރި ފަރާތްތަކުން ޓީވީ، ރޭޑިއޯ އަދި އޮންލައިންގެ ޒަރިއްޔާއިން ފޮނުވާ ކޮންޓެންޓް މޮނިޓަރ ކުރެވޭނެ ވަސީލަތްތައް ޤާއިމުކޮށް، އެކަމަށް ފަންނީ މީހުން ބިނާކޮށް، ޤަވާއިދުން މޮނިޓަރ ކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިގެއިތުރުން މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ޚަބަރާއި މަޢުލޫމާތު އިތުރުކުރުމާއި، އިންވެސްޓިގޭޓިވް ޖަރނަލިޒަމްއަށް ހުރި ދަތިތަކަމާ ބެހޭގޮތުންވެސް ވާހަކަދައްކާފައިވެއެވެ.

މި ޑިސްކަޝަންގެތެރެއިންވަނީ ނޫސްވެރި ކަމުގެ ޚިދުމަތުގައި ވަނިކޮށް، އެކި ގޮތްގޮތުން އަނިޔާ ލިބުނު ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމާއި، ނޫސްވެރިންގެ ރައްކާތެރިކަމާއިމެދު އޮތް ކަންބޮޑުވުންތައްވެސް ފާހަގަކޮށްފައެވެ.