ވިޔަފާރި

ރަމަޟާންމަހު މީރާއިން ޙިދުމަތްދޭ ގަޑިތައް އާއްމުކޮށްފި


ރަމަޟާންމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ޙިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.

މީރާއިން ބުނީ މި ރަމަޟާންމަހު އެ އިދާރާއިން ޙިދުމަތްދޭނީ އާދިއްތަ ދުވަހުން ފެށިގެން ބްރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރު 1:30 އަށްކަމަށެވެ. އަދި ހޮނިހިރު ދުވަހު ޙިދުމަތްދޭނީ ހެނދުނު 10 އަކުން މެންދުރު 1:30 އަށެވެ. މީރާއިން މިހާރު ޙިދުމަތްދެމުން އަންނަނީ ސަރުކާރު ހުޅުވިފައި ހުންނަ ކޮންމެ ދުވަހެއްގެ ހެނދުނު 8 ކުން ހަވީރު ހަތަރަކަށެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ ނަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވުޖޫދަށް އައިސްފައިވަނީ، 2010 ވަނަ އަހަރުގެ މާރިޗް މަހުގެ 18 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެވެ.

މީރާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޓެކުހާއި ގުޅުންހުރި ހުރިހާކަމެއް ބެލެހެއްޓުން ހިމެނެއެވެ. އެގޮތުން ޓެކުހާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކުހާބެހޭ ސިޔާސަތުތައް ހިންގުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ހިސާބު ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން ހިމެނެއެވެ.