ޚަބަރު

މިއަންނަ އަހަރު ބޭނުންވަނީ ތަށި މިލްކު ކުރަން - އެމްޕީއެލް


އެމްޕީއެލްގެ އަމާޒަކީ އެއިޓީ ތާރީ ވުމެން ފުޓްސެލް ފިއެސްޓަރގެ ތަށި މިލްކުކުރުންކަމަށް ކަމަށް އެމްޕީއެލްގެ އެސިސްޓަންޓް ކޯޗް މުހައްމަދު އަބްދުލް ރަހުމާން ބުނެފިއެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް މިމުބާރާތުގެ ތަށި ކާމިޔާބުކުރުމަށްފަހު ވާހަކަދައްކަމުން އ.ކޯޗު ބުނީ ފައިނަލް މެޗުން މޮޅުވިނަމަވެސް މިއީ ވަރަށް އުނދަގުލުން ލިބުނު މޮޅެއްކަމަށެވެ. ޕޮލިސް ޓީމާއި އަޅާބަލާއިރު އެމްޕީއެލްގެ ޓީމްގައި ތިބީ ވަރަށް މަދު ކުޅުންތެރިންތަކެއްކަމަށާއި އެމްޕީއެލް ޓީމްގެ ގިނަ ކުޅުންތެރިން މުބާރާތް ކުޅުނީ އަނިޔާގައި ތިބެކަމަށެވެ. އަދި ބަދަލެއް ކުރަންޖެހުނަސް ބެންޗުން އަރާނެ މާގިނަ ކުޅުންތެރިންތަކެއް އެމްޕީއެލް ޓީމްގައި ނެތްކަމަށާއި މެޗުން މޮޅުވުމުގައި ޓީމްގެ ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭކަމަށްވެސް އޭނާ ބުނިފިއެވެ.

"މިއީ ވަރަށް މަސައްކަތުން ލިބުނު މޮޅެ. މެޗްއަށް އައިއިރުވެސް އިގޭ މެޗް އުދަގޫވާނެކަން. ނަމަވެސް އަބަދުވެސް ކުޅުންތެރިނާއި މެދު ވަރަށް ހިންހަމަޖެހޭ. އެމްޕީއެލްއިން ބޮޑަށް ބެލީ ޓީމްއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދަން. އެއްވެސް ކުޅުންތެރިއަކަށް ބަރޯސާ ނުވާން ވިސްނާފައިވާނީ. އޭގެ ނަތީޖާ އަސްލުގައި މިފެނުނީ." އެމްޕީއެލްގެ އެސިސްޓަންޓް ކޯޗް މުހައްމަދު އަބްދުލް ރަހުމާން ބުންޏެވެ.

ޕޮލިސް ކުލަބްގެ ކޯޗް އަލީ ފަހުމީ ބުނީ މިއީ ދެ ޓީމްގެ ތަފާތުކަން ފެނިގެންދިޔަ މެޗެއްކަމަށެވެ. ޕޮލިސް ކުލަބް ބިދޭސީ ކުޅުންތެރިން ކިތަންމެ މޮޅު ނަމަވެސް، އެމްޕީއެލުން ޕޮލިސް ކުލަބް ހިފަހައްޓާފައިވަނީ ޓީމްއެއްގެ ގޮތުގައި ކުޅެގެންކަމަށެވެ. އަދި އެމްޕީއެލް ޓީމްގައި ތިބި ދިވެހި ކުޅުންތެރިންގެ ތާފާތު މިމެޗްގައި ފެނިގެންދިޔަކަމަށް ފަހުމީ ބުނިއެވެ.
މުޅި މުބާރާތުގައި ޕޮލިސް ކުލަބްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަގަނޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ނަމަވެސް ފައިނަލް މެޗްގައި އަނިޔާގެ ސަބަބުން ބައެއް ކުޅުންތެރިންނަށް އެންމެ ރަގަނޅު ކުޅުން ދެއްކިފައިނުވާކަމަށް ޕޮލިސް ކުލަބްގެ ކޯޗް ބުނިފިއެވެ.

" މެޗްއަށް އައިއިރުވެސް ބައެއް ކުޅުންތެރިން ތިބީ އަނިޔާގަ. ވަރަށް އުއްމީދާއި އެކު މެޗްއާއި ކުރިމަތިލީ. ނަމަވެއް މުބާރާތުގެ އެހެން މެޗްގައި ދެއްކި ކުޅުން އެއްވެސް ވަރަކަށް މިމެޗްގައި ދެއްކިފައެއް ނުވޭ. ފައިނަލް މެޗްގައި ޕޮލިސް ކުލަބްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ޑައުންކޮށް. ކުޅުންތެެރިންގެ ފަރާތުން ބައެއް މިސްޓޭކަތަށްވެސް ވަނީ ހެދިފަ." ޕޮލިސް ކުލަބް ކޯޗް އަލި ފަހުމީ ބުންޏެވެ.