ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އައްޑޫ ސިޓީގައި ސިޓީ
ބާޒާރެއް ޤާއިމްކުރުމާއި ދަނޑުވެރިކަންކުރުމަށް ސިޓީ ބުސްތާންފެށުމުގެ
އެއްބަސްވުމެއްގައި ޤައުމީ ޔުނިވަރސިޓީއާ އައްޑޫ ސިޓީކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.
މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި
ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން
ޤާއިމުކުރެވޭ "ސިޓީ ބާޒާރު"ވެގެންދާނީ އައްޑޫސިޓީގައި ކުދިފަންތި، އަދި
މެދު ފަންތީގެ ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ފުރުޞަތު
ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މިގޮތުން ސިޓީކައުންސިލާ
ޤައުމީ ޔުނިވަސިޓީއާ ގުޅިގެން ވަކިސަރަހައްދެއްގައި ކުދިކުދި ސްޓޯލްތަކެއް
ހަދައިގެން ބާޒާރެއް ޤާއިމުކުރެވޭނެކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤު
ވިދާޅުވިއެވެ.
ޤައުމީ ޔުނިވަސިޓީން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން
އަލަށް މިފަދަ ކުދި ވިޔާފާރިތައް ފަށަންބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ
އެހީތެރިކަންވެސް ފޯރުކޮށްދެވޭނެކަމަށެވެ.
މިއަދު ސޮއިކުރެވުނު ދެވަނަ އެއްބަސްވުންކަމަށްވާ
"ސިޓީ ބުސްތާނު" އެއްބަސްވުމުގެ ދަށުން، އައްޑޫސިޓީން ޤައުމީ
ޔުނިވަސިޓީއަށް ދޫކޮށްފައި އޮންނަ ބިމުގައި ދަނޑުތައް ހަދައިގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ބޭނުންވާ
ފަރާތްތަކަށް ކަނޑައެޅޭ އުސޫލްތަކެއްގެ މަތިން ހުޅުވާލެވޭނެކަމަށް ޤައުމީ
ޔުނިވަރސިޓީގެ ޗާންސެލަރ މުހައްމަދު ޒާހިރު ހުޞައިން ވިދާޅުވިއެވެ.
ޤައުމީ ޔުނިވަސިޓީން ވިދާޅުވީ މިއަދު ސޮއިކުރެވުނު މި
ދެއެއްބަސްވުމުގެ ދަށުން، ސިޓީ ބާޒާރުގައި ހަދާ ސްޓޯލްތައް ކުއްޔަށްދީގެންނާ
ބުސްތާން ހަދަން ކުއްޔަށް ދޫކުރާ ބިންތަކުން ލިބޭ ފައިސާ ޚަރަދުކުރުމަށް
ހަމަޖެހިފައިވަނީ އައްޑޫސިޓީގެ ތައުލީމް ކުރިއެރުވުމަށްކަމަށެވެ. ޔުނިވަރސިޓީގެ
އިދާރީ އިމާރާތުގައި މިއަދު މި ދެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި
ރަސްމިޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއުކުރެއްވީ ޔުނިވަރސިޓީގެ
ޗާންސެކލަރ ޑރ ޒާހިރު ހުޞައިން އަދި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން
ސޮއިކުރެއްވީ ސިޓީ މޭޔަރ އަބުދުﷲ ޞާދިޤު އެވެ.