ޚަބަރު

އިޖުތިމާޢީ މައްސަލަތަކުގެ ޙައްލަކީ "ހިޔާ"ތަކެއް ނޫން، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ - ޖެންޑަރ މިނިސްޓަރ


އިޖުތިމާޢީ މައްސަލަތަކުގެ ޙައްލަކީ ސަރުކާރުގެ ބެލުމެގެ ދަށުގައި މީހުން ބައިތިއްބާނެ މަރުކަޒުތަށް އިތުރުކުރުން ނޫންކަމަށާ، އިހުމާލުވާ ފަރާތްތައް މިހާރުން މިހާރަށް ޖަވާބުދާރީ ކުރުވަންޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެންވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ޓީވީ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ޙަވާލުކުރާ 16 ޓީވީ ޖެންޑަރ މިނިސްޓްރީއާ ޙަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ފަރާތުން މި ޓީވީތަކާ ޙަވާލުވެވަޑައިގަތީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޝިދާތާ ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ ހައްޤު ޙިމާޔަތްކުރުމަށްޓަކައި މިހާރަށްވުރެ އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. ސަރުކާރުގެ ބެލުމެގެ ދަށުން މީހުންގެނެސް ބައިތިއްބާނެ މަރުކަޒުތަށް އިތުރުކުރުމަކީ ދިމާވެފައިވާ މައްސަލައިގެ ހައްލު ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ ޢަދަދު މިފަދަ ކުޑަ ޤައުމެއްގައި ގިނަ ވުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. މިހާރުވރެސް ޖުމުލަ 341 މީހުންނާއި ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ޝިދާތާ ވިދާޅުވީ، މިސަރުކާރު ވެރިކަމާއި ޙަވާލުވެގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިފަދަ ފަރާތްތަށް ދިރިއުޅޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ ޔޫތް މިނިސްޓްރީން ހަދިޔާ ކުރި ޓީވީތަށް، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، އަދި އަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ބަހަން ނިންމަވާފައިވާކަމަށެވެ.

"މިހާރު ޖުމުލަ 341 މީހުންނާއި ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި. މި ޓީވީތަކަކީ އަޅުގަނޑުމެންގެ މަސައްކަތް އިތުރަށް ފުރިހަމަ ކޮއްދޭނެކަމެއް. އެގޮތުން މިޓީވީތައް ކުޑަކުދިންގެ ހިޔާ، ފިޔަވަތި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ށ.ފޭދޫ، މ.މުލައް، ތ.ވޭމަންޑޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ބަހަން ނިންމާފައިވޭ." މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ، މިސަރުކާރު އައިފަހުން މިފަދަ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ. އަދި މިފަދަ ސެންޓަރުތަށް ތަރައްޤީކުރުމަށް އެންމެން އެކީ އަތުގުޅާލަން ޖެހިފައިވާކަމަށެވެ.

"މި ސަރުކާރު އައިފަހުން މިފަދަ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުވެފައިވޭ. މިފަދަ ސެންޓަރުތަށް ތަރައްޤީކުރުމަށް އެންމެން އެކީ އަތުގުޅާލަން ޖެހޭ." މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3މަސްދުވަހުގެ ތެރޭގައި އެމިނިސްޓްރީއަށް 364 މައްސަލައެއް ހުށަހަޅާފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެޓުމާއި ގުޅުންހުރި 37 މައްސަލައާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެޓުމާ ގުޅުންހުރި 27 މައްސަލައެއް އެ މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.