ސިޔާސީ

ކޮމަންވެލްތުގެ ވަފްދަކުން ނަޝީދު އާ ބައްދަލުކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހިނގާދިޔަ
ގޮތުގެ ރިޕޯޓެއް އެކުލަވާލަން ކޮމަންވެލްތުގެ ވަފްދެއް ކުރީގެ ރައީސް ނަޝީދާ
ބައްދަލުކުރައްވާފައިވާ ކަމަށް ނަޝީދުގެ ޤަނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.



މޫކައި ހޮޓަލްގައި
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި
ވަޑައިގަންނަވާ އަލްއުސްތާޛު ޙަސަން ލަތީފް ވިދާޅުވީ، ކޮމަންލްވެލްތެ މަންދޫބުންގެ
ވަފްދަކުން ބުދަ ދުވަހު ދޫނިދޫއަށް ގޮސް ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ޝަރީއަތާ ގުޅޭ ގޮތުން ކޮމަންވެލްތް އިން ނެރޭ ރިޕޯޓަކުން ނަތީޖާއަކަށް ބަދަލެއް
އަންނާނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ކޮމަންވެލްތްގެ ވަފްދަށް ނަޝީދު ދަންނަވާފައިވާ
ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.



މީގެ އިތުރުން ކުރީގެ
ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމާ ގުޅުމުގެ ޙުއްދަ ފުލުހުންނަށް
ހުށަހަޅާފައިވާތާ ހަތަރު ދުވަސްވެފައިވާ ކަމަށާއި މިއަދާ ހަމައަށްވެސް ޖަވާބެއް
ލިބިފައިނުވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.



މީހަކު އިޙުތިޔާރު ކުރާ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ
ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއް ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ
ކަމަށާއި އަދި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ވެސް ވަކީލުންގެ އެހީތެރިކަން
ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،
ބޭރުގެ ޤާނޫނީ ވަކީލަކު އައްޔަން ކުރިނަމަވެސް ފުރިހަމަ ކުރަންޖެހޭ އިޖްރާތްތަކެއް
ހުންނަކަމަށާއި، އެކަންކަން ފުރިހަމަ ނުވާތީ އަދި ހުއްދަ ދެވިފައި ނުވަނީކަމަށެވެ.




މީގެ އިތުރުން، ހޯމް މިނިސްޓްރީގެ އެދިލެއްވުމަކަށް
ދޫނިދޫގައި ކޮމަންވެލްތުގެ ވަފްދަކާ ނަޝީދާ ބައްދަލު ކުރެވޭނެ އިންތިޒާމު އިއްޔެ
ހަމަޖައްސާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ.