ޚަބަރު

އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި އެވެ.

އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަދުވަހު ހައިކޯޓުން ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުނެރެފައެވެ. ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެއިން ބޭރަށް ފޮނުވާދިނުމަށް އެދި ސިވްިލްކޯޓަށް ހުށައެޅި މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކުރުމުންނެވެ. އޭރު ސިވިލްކޯޓުން ނިންމާފައިވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އަމަލުކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްފައިނުވާތީ އެ މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށެވެ.

ދަށުކޯޓްގެ ނިންމުން އަދީބު ފަރާތްޕުޅުން ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލާގައި ވަކިގޮތެއް ނިންމެންދެން އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ހައިކޯޓުން އަމުރުކުރިއެވެ. އެހެންނަމަވެސް އެ އަމުރު ދައުލަތުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރުމުން
އެ މައްސަލާގައި ސުޕްރީމްކޯޓުން ވަކިގޮތެއް އަންގަނދެން ހައި ކޯޓުގެ އަމުރު ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އެންމެ މަތީކޯޓުން ވަނީ އަމުރުނެރަފައެވެ.

ހައިކޯޓްގެ އެ އަމުރު ތަންފީޒު ކުރުމަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަމުރުކުރާކަމަށްވެސް ސުޕްރީމްކޯޓްގެ އަމުރުގައިވެއެވެ. ސުޕްރީމްކޯޓްގެ އެ އަމުރާއި އެކު އަމުރު ނެރުނުތާ ދެ ގަޑިރެއްހާއިރު ތެރޭގައި އަދީބުވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.

އެ މައްސަލަ ނިންމާ ސުޕްރީމްކޯޓުން މިއަދު ކުރި ހުކުމްގައި އެކޯޓުން ވަނީ ހައިކޯޓްގެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި އެހުކުމުގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ހުރިގޮތުން އަދީބު ގޭ ބަންދަށް ބަދަލުކުރަންޖެހޭކަމަށެވެ. އަދީބު ގޭބަންދަށް ބަދަލުކުރުމަށް ސުޕްރީމްކޯޓުން ތާއިދުކޮށްފައިވާއިރު ސިއްހީ ސަބަބުތަކަށްޓައި އަދީބު މިހާރުވެސް ހުންނެވީ ގޭ ބަންދުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމާއި ކޮރަޕްޝަންގެ އެކި މައްސަލަތަކާއި ގުޅިގެން އަހުމަދު އަދީބުގެ މައްޗަށްވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަދީބުގެ ބޭސްފަރުވާއަށް ދައުލަތުން ފަރުވާކުޑަކުރާކަމަށް ބުނެ އަދީބުގެ އައިލާއިން އަންނަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެ ވާހަކަތަކަށް ރައްދުދެއްވަމުން އިމްރާން ވިދާޅުވެފައިވަނީ މި ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަދީބަށް ނުދޭހޭ ފަރުވާ މި ސަރުކާރުން ދެމުން އަންނަކަމަށެވެ.