ޚަބަރު

މާލޭގައި ބިދޭސީއަކު ރަހީނުކޮށް ފައިސާ ހޯދަން ޑިމާންޑުކުރި ބިދޭސީއަކު ހައްޔަރުކޮށްފި


މާލޭގައި ބިދޭސީއަކު ރަހީނުކޮށް ފައިސާ ހޯދަން ޑިމާންޑުކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ރޭ ދަންވަރު 02:30 ހާއިރު ބިދޭސީ ރައްޔިތަކު ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު އެ މައްސަލަ ތަޙްޤީޤުކުރަން ފެށިކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާއަކީ ރަހީނުކޮށްފައިވާ ބިދޭސީ މީހާގެ ރައްޓެއްސަކަށް ފޯނުން ގުޅައި 40،000 ރުފިޔާ ދިނުމަށް ޑިމާންޑްކޮށް އެ ފައިސާ ބަލައިދިޔަ ބިދޭސީއެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކެންގަރޫ ކިޑްސް ކައިރިން ފައިސާ ބަލައި ދިޔަ ވަގުތު ކަމަށް ފުލުހުން ވިދާޅުވެއެވެ. މި މީހާއަކީ 42 އަހަރުގެ ބަނގްލަދޭޝް މީހެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި ބިދޭސީ މީހާ ކައިރިން ރަހީނުކުރި ބިދޭސީ މީހާ ދެއްކުމަށް އެދުމުން ނިކަގަސް މަގުގައި ހުންނަ ގޯޅިއެއްގެ ތެރެއިން އޭނާ ދައްކާފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުން ބިދޭސީ މީހާ ރަހީނުކޮށްފައި ހުރި ސަރަހައްދަށް ދިއުމުން ފިލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ރަހީނުކޮށްފައިވަނީ 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގުކުރިއިރު އެކަން ކުރުމުގައި 7 ދިވެހިން ބައިވެރިވެފައިވާ ކަމަށާއި ރަހީނުކޮށްފައިހުރި ބިދޭސީ މީހާގެ ގައިގާ ތަޅާ އަނިޔާކޮށް މާރާމާރީ ހިންގުމަށްފަހު ދެ މޮބައިލް ފޯނާއި ކަރުގައި އަޅާ ފަށަކާއި ތަޅުދަނޑިފައްޗެއް ފޭރިގަނެފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.