ސިޔާސީ

ހަގީގަތް އޮޅޭ ގޮތަށް ފޮޓޯ އާންމުކުރި މައްސަލަ ކުށްވެރިކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ޙަޤީޤަތް އޮޅޭ ގޮތަށް ސޯޝަލް މީޑިޔާގައި ފުލުހެއްގެ ފޮޓޯ އާންމުކޮށްފައިވާކަމަށް ބުނެ އެންމެ ހަރުކަށި އިބާރާތުން ފުލުހުން އެކަން ކުށްވެރިކޮށްފިއެވެ.ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދަރުމަވަންތަ ސްކޫލްގައި އިއްޔެ ކުރިއަށްދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްއަކާ ގުޅިގެން އެސްކޫލްގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެސަރަޙައްދަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތަށް ބަންދުކޮށް ބަލަހައްޓަމުން ދަނިކޮށް، ޕްރައިވެޓް ކާރެއްގައި އައި ބިދޭސީއަކު އެ ސަރަޙައްދަށް ވަންނަން އެދުމުން، އެ ސަރަޙައްދުގައި ޑްރިލްއެއް ކުރިއަށްދާތީ ނުވަދެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެ ކާރުން ފައިބާ ވަޑައިގެން ރައްޔިތުންގެ މަޖިލިސް ގެއަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކާރުގައި ވަޑައިގަތުމުގެ ފުރުސަތު އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ރޮޒައިނާ ވަނީ މަޖިލިސްކުރާ ގެއަށް ކާރުކޮޅުގައި ވަދެ ވަޑައިގަތުމަށްފަހު އެހެން މެންބަރަކާއެކު ބަންދުކޮށްފައިވާ ސަރަޙައްދަށް އަލުން އެނބުރި ވަޑައިގެން އެތަނުގައި ޤާނޫނީ ޒިންމާ އަދާކުރަމުންދިޔަ ފުލުސް އޮފިސަރުގެ ފޮޓޯ ނެގުމަށްފަހު އޭނާއަށް ބިރުދެއްކުމުގެ ނިޔަތުގައި ފޮޓޯއާއެކު ރައްޔިތުންނަށް ކަމުގެ އަސްލު އޮޅޭނެ ހެން ރަނގަޅުނޫން މައުލޫމާތު ހާމަކޮށް ސޯޝަލް މީޑިޔާގައި އޭނާގެ ފޮޓޯ އާންމުކޮށްފައިވާ ކަމަށެވެ.އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިން ފެނިގެން ދިޔަ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ވަކި ވަކި ފުލުހުންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ އަމަލުތަކުގެ ސަބަބުން ފުލުހުން އަދާކުރަންޖެހޭ ޒިންމާއާއި ވާޖިބު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް ދެއްވާ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.