ޚަބަރު

ވައިގެ ބަނދަރުތަކުގައި ހަރުކުރާ އައު ސިސްޓަމްތަށް ހަރުކޮށް ނިމިއްޖެ - ކޮމިއުނިކޭޝަން މިނިސްޓްރީ


ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމަށް ގެންނަ އަޕްޑޭޓްތަކާއެކު ވައިގެ ބަނދަރުތަކުގައި ހަރުކުރަން ހަމަޖެހިފައިވާ ސިސްޓަމްތައް ހަރުކޮށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިހް ވިދާޅުވީ ވައިގެ ބަނދަރުތަކުގައި ސިސްޓަމްތައް ހަރުކޮށް ނިމިފައިވާކަމަށާ އިމިގްރޭޝަން މުވައްޒަފުން މިކަމަށް ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި ކަނޑުގެ ބަނދަރުތަކުގައި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ސިސްޓަމްތައް ހަރުކޮށް ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހދ.ހަނިމާދޫގައި މިސިސްޓަމްތައް ހަރުކުރުމަށްފަހު އެއަރޕޯޓުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނިމާދޫގައި ޖުމުލަ 4 ސިސްޓަމް ހަރުކޮށްފައިވާކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ. މީގެއިތުރުން ކުޅުދުއްފުށީ ކަނޑުގެ ބަނދަރުގައި ހަރުކުރާ 4 ސިސްޓަމާއިއެކު ޖުމުލަ 8 ސިސްޓަމް ހދ.އަތޮޅުގައި ހަރުކުރާނެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އިމިގްރޭޝަން އޮފިސަރުންނަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވާނީ އެމެރިކާގެ ކަމާގުޅުންހުރި ތަޖުރިބާކާރުންނެވެ. އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށްގެންދާ މިޓްރެއިނިން ޕްރޮގްރާމަކީ ޑިވައިސް ތަކާއި ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.