ވިޔަފާރި

އުރީދޫއަށް 163 މިލިއަން ރުފިޔާގެ ފައިދާއެއް


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫއަށް ލިބުނު ސާފު ފައިދާ ދިހަ އިންސައްތަ އިތުރުވެއްޖެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާވަނީ ލިބިފައެވެ.

އުރީދޫއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާރޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި 507 މިލއަން ރުފިޔާވަނީ ލިބިފައިއެވެ. މިއީ ހުސްވި އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 481 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، ފަސް އިންސައްތަ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވެފައިވަނީ ފިކްސްޑް ބްރޯޑްބޭންޑުން ލިބުނު އާމްދަނީ އިތުރުވުމުންކަމަށް އުރީދޫން ބުނެއެވެ. ފުރަތަމަ ކުއާޓަރގެ ތެރޭގައި އުރީދޫއިން ވަނީ އާ އެތައް ޙިދުމަތްތަކެއް ތައާރަފްކޮށްފައެވެ. އެ ކުންފުނީގެ އައު ޑިޖިޓަލް ޚިދުމަތް ކަމަށްވާ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ޑިޖިޓަލް އެސިސްޓަންޓު "އެވީ" ހިމެނެއެވެ.

އަދި އުރީދޫގެ ކުލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވަނީ އެލައިޑް އިންޝުއަރެންސްއާއި ގުޅިގެން ލައިފް އިންޝުއަރެންސްގެ ޙިދުމަތް ހިލޭ ދޭންވެސް ފަށާފައެވެ. އުރިދޫއަކީ ދިވެހިންގެ 9.5 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.