ޚަބަރު

އިމިގްރޭޝަން ބަލިކޮށް ވެމްކޯ ފައިނަލަށް


އިމިގްރޭޝަން ބަލިކޮށް ކުލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ފުރަތަމަ ފަހަރަށް ކުލަބް ވެމްކޯ ޖާގަ ހޯދައިފިއެވެ.
ކުލަބް ވެމްކޯ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި ކުލަބް އިމިގްރޭޝަން ފަހެއް ހަތަރަކުން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ވެމްކޯއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާނެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗްގައި ވެމްކޯއަށް ލީޑް ފުޅާކޮށްދިނީ ވެސް އަބްދުﷲ ޝައްފާނެވެ. ވެމްކޯގެ އަނެއް ތިން ލަނޑު ޖަހައިދިނީ ޝައްފާން، އިބްރާހިމް މުބީން އަދި އިބްރާހިމް އަސްވަދެވެ.

ކުލަބް އިމިގްރޭޝަންގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން، އަލީ ހައިޝަމް އަދި ، އަހުމަދު ވިޝާނެވެ. މިމެޗްގައި އިބްރާހީމް މަހުދީވަނީ ދެ ގޯލް ޖަހާދީފައެވެ.

މެޗަށްފަހު ކުލަބް ވެމްކޯގެ ކޯޗް އަހުމަދު ނިޝާމްބުނީ ޕެނަލްޓީއަށް ނުގޮސް މެޗުން މޮޅުވެވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި އިމިގްރޭޝަން ޓީމުން މެޗް އެއްވަރު ކުރާ ކޮންމެ ވަގުތެއްގައި ވެމްކޯގެ ކުޅުންތެރިން އާ ހިތްވަރެއްލައި ކުރާ މަސައްކަތް ފާހަގަކޮށްލެވޭކަމަށް ނިޝާން ބުންޏެވެ.

ކުލަބް އިމިގްރޭޝަންގެ ކޯޗް މުހައްމަދު ނިޒާމްވަނީ ރެފްރީގެ ނިންމުންތަކާއި ދެކޮޅަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗަށްފަހު މީޑިޔާއާއި ވާހަކަދެއްކުމަށްވެސް އޭނާވަނީ ދެކޮޅު ހަފާދައެވެ.