ޚަބަރު

ބޮޑީ ބިލްޑިންގގެ ބައިނަލްއަގްވާމީ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ


ބޮޑީ ބިލްޑިންގގެ ބައިނަލްއަގްވާމީ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބޮޑީ ބިލްޑިންގ ޖަޖިންގ ކޯސް ފެށުމުގެ ގޮތުން ސްޓެލްކޯގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މި ހަފްލާގައި އޭޝިއަން ބޮޑީ ބިލްޑިންގ ފެޑެރޭޝަންގެ ރައީސް ޕައުލް ޗުއާވެސް ބައިވެރިވެވަޑައިންނެވި. ބޮޑީ ބިލްޑިންގ ޖަޖިންގ ކޯސް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޚުލޫފް ވިދާޅުވީ ބޮޑީ ބިލްޑިންގ އަކީ ރާއްޖޭގެ ޒުވާނުންނަށް ފުރުސަތު އޮތް ކުޅިވަރެއް ކަމަށާއި، މި ސަރުކާރުން އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ކުރިއަރުވަން ބޭނުންވާކަމަށެވެ.

އަދި މިނިސްޓްރީގެ ފަރާތުން ބޮޑީ ބިލްޑިންގ އެސޯސިއޭޝަނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް މަޙުލޫފް ވިދާޅުވިއެވެ. އަދި ދުރާލާރޭވިގެން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެކަމަށް އުއްމީދުކުރާކަމަށްވެސް މަޚުލޫފް ވިދާޅުވިއެވެ.