ޚަބަރު

ޗައިނާއިން އަތޮޅުތެރޭގައި 21 ފުޓުބޯޅަ ދަނޑު އަޅައިދެނީ


ޔޫތް މިނިސްޓްރީއާއި ގުޅިގެން 21 ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން ބުނެފިއެވެ.

ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްބަސީގެ ފަސްޓް ސެކެޓްރީ ޝާޝާ ވީ ވިދާޅުވީ، 21 ޓާފް އެޅުމަށް ޔޫތް މިނިސްޓްރީއާއެކު އެއްބަސް ވެފައިވާކަމަށާއި، އޭގެ ތެރެއިން 8 ޓާފް ދަނޑު އެޅުމަށް ބޭނުންވާ ސާމާނު ކަނޑައެޅިފައިވާ ރަށްތަކަށް ފޮނުވާފައިވާ ކަމަށެވެ.
އަދި ބަކީ ޓާފްތައްވެސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ޔޫތް މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރަމުން ދާ ކަމަށެވެ.

2018 ވަނަ އަހަރު ޗައިނާއިން ވަނީ އަތޮޅުތެރޭގައި ފުޓުބޯޅަ ދަނޑުތައް ގާއިމު ކުރަން ބޭނުންވާ ސާމާނު ރާއްޖެއަށް ގެނަސްދީފައެވެ.
ޑްރެސިންގް ރޫމްވެސް ހިމެނޭގޮތަށް، 46 ފުޓުބޯޅަ ދަނޑު އެޅުމަށް ބޭނުންވާ ޓާފް، ރަބަރ ގްރައުންޑް އަދި ލައިޓްވެސް ޗައިނާއިންވަނީ ރާއްޖޭގެ ސަރުކާރަށް ފޯރުކޮށްދީފައެވެ.
އޭގެތެރެއިން އަތޮޅުތެރޭގައި ގާއިމުކުރަން ހަމަޖެހިފައިވާ 21 ދަނޑުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދައިދިނުމަށް ޔޫތް މިނިސްޓްރީން އެމްބަސީގައި އެދުމުން، މިހާރު އެ މަސައްކަތް ޗައިނާގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށާއި، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށްވެސް ޝާޝާވީ ވިދާޅުވިއެވެ.

"8 ޓާފް ދަނޑު މިހާރު ދަނޑުއަޅަން ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވައިފިން. އަދި ދަނޑުތައް އެޅުމަށް ތައްޔާރުކުރުމަށް ޗައިނާގެ ކުންފުނިތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އަދި ބާކީ ހުރި ސާމާނު ފޮނުވުމަށް މިހާރު މިދަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރުމުން" ރާއްޖޭގައި ހުންނަ ޗައިނީޒް އެމްބަސީގެ ފަސްޓް ސެކެޓްރީ ޝާޝާ ވީ ވިދާޅުވިއެވެ.