ޚަބަރު

މުސާރައާއި އުޖޫރަ އާ ގުޅޭގޮތުން ލަފާދޭ ބޯޑެއް ރައީސް އެކުލަވާލައްވައިފި


މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަށް ލަފާދިނުމަށް ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލައްވައިފިއެވެ.

ރައީސް ސާލިޙް މި ބޯޑު އެކުލަވާލައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެންނެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ. އެގޮތުން މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ޞާލިހް ދެއްވި ޚިޠާބުގައިވެސް ވަނީ ވަޒީފާގެ ބާޒާރަށް ވީހާވެސް ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަމަށް ވިދާޅުވެފައެވެ.

މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަށް ލަފާދިނުމަށްޓަކައި ރައީސް ޞާލިޙް އެކުލަވާލެއްވި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ފަރާތުން ބޭފުޅަކާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލްކުރައްވާ 2 ބޭފުޅުންގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރައްވާ 2 ބޭފުޅުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ބޯޑާއެކު މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.