ސިޔާސީ

ޕީޖީގެ ސްޓޭންޑު ބަދަލުކުރާނަމަ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ދީފި


ކޯޓަކުން ކޮށްފައިވާ ޙުކުމެއްގެ އިސްތިއުނާފުގެ އަޑުއެހުންތަކުގައި ދަޢުލަތުގެ "ސްޓޭޏްޑު" ބަދަލުކުރާ ކަމަށްވާނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ހައިކޯޓުން ދީފިއެވެ.

ހައިކޯޓުން މިހެން ބުނެފައި މިވަނީ ދާދިފަހުން ސުޕްރީމް ކޯޓުގައި ހިނގާދިޔަ އިސްތިއުނާފުގެ އަޑުއެހުމެއްގައި ދަޢުލަތުން ކުރިން ނަގާފައިވާ ސްޓޭންޑާއި ޚިލާފު ސްޓޭންޑެއް އެ އަޑުއެހުމުގައި ނަގާފައިވާތީއެވެ. އެ ދުވަހު ސުޕްރީމް ކޯޓުގައި ދަޢުލަތުން ވަނީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފިސްތޯލައެއް ގެންގުޅު ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ދަޢުލަތުން އުފުލި ޓެރަރިޒަމްގެ ދަޢުވާ ސާބިވެ ކްރިމިނަލް ކޯޓުން އަދީބު 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނިކޮށް އެ ޙުކުމް ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި އެދިފައެވެ. ފިސްތޯލު މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީން) ވަނީ އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމާއި އެކަމުގެ އަދަބު އޭނާއަށް ދޭންޖެހޭ ކަމަށްބުނެ ވަކާލާތު ކޮށްފައެވެ.

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގެ ތެރެއިން ދައުވާ ކުރި ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމްގެ މައްޗަށް އިއްވި ޙުކުމްގެ އިސްތިއުނާފުގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ބާއްވާފައިވާއިރު އެ މައްސަލާއިގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒު ވަނީ މި އަޑުއެހުމުގައި ޕީޖީއަށް ސުވާލެއް ކުރައްވާފައެވެ. އެއީ ކްރިމިނަލް ކޯޓުގައި ތިޙާމާއި ދެކޮޅަށް ޕީޖީން އޭރު ވަކާލާތު ކުރި ގޮތް މިހާރު ބަދަލުވެފައިވޭތޯ ނުވަތަ ނޫންތޯ ކުރި ސުވާލެކެވެ. ފަނޑިޔާޒު ނިޔާޒު އެފަދައިން ސުވާލު ކުރެއްވުމުން ޕީޖީގެ ވަކީލު ވިދާޅުވީ އެ މައްސަލާގައި ޕީޖީގެ ސްޓޭންޑު ބަދަލު ނުވާ ކަމަށެވެ.

އެ ސުވާލަށްފަހު ފަނޑިޔާރު ނިޔާޒު ވަނީ އިތުރު ސުވާލެއް ޕީޖީއާ އަމާޒު ކުރައްވާފައެވެ. ނިޔާޒު ވިދާޅުވީ ދަށު ކޯޓުގައި ވަކި ގޮތަކަށް ވަކާލާތު ކުރެއްވުމަށްފަހު މަތީ ކޯޓެއްގައި އެހެން ގޮތަކަށް ސްޓޭންޑު ބަދަލުކުރުމަކީ ޕީޖީން ކުރަމުންދާ ކަމެއްތޯ؟ ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީހެ ވަކީލު ވިދާޅުވީ އެފަދަ ގޮތަކަށް ޕީޖީގެ ސްޓޭންޑު ބަދަލު ނުކުރާ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ވަނީ އެކަން އެގޮތަށް ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތަށް ސްޓޭންޑް ބަދަލު ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ޕީޖީ އަމަލު ކުރައްވާނަމަ، އެކަމަނާއަށް ތައުދީބީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށްވެސް ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަކީ އެފަދަ ހުރިހާ މައްސަލަތަކެއް އޭރު ކޯޓުތަކުގައި ދަޢުވާ ކުރެއްވިއިރު ޕީޖީގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް މިހާރު ބައެއް މައްސަލަތުގައި ޕީޖީން ކުރިން ނަގާފައިވާ ސްޓޭންޑު ނޫން އެހެން ސްޓޭންޑެއް އަންނަނީ ނަގަމުންނެވެ.