ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސިފައިންގެ ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގެ ތެރެއިން އެކެއްގެ ޙުކުމަށް ތާޢީދުކޮށް ދެވަނަ މީހާގެ ޙުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ކްރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ޙުކުމް ކޮށްފައިވަނީ އޭރު ސިފައިންގެ ދެ މީހުން ކަމަށްވާ އަހުމަދު ތިހާމާއި މޫސާ ޒަމީރަށެވެ. އެ ދެމީހުން ޖަލަށް ލުމަށް ޙުކުމްކުރީ އެ ހާދިސާ އަށް ފަހު އެ ދެ މީހުން ލޯންޗަށް އަރައި، އުސޫލާ ޚިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ.
ތިޙާމާއި ޒަމީރުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދުވަނީ ހައިކޯޓުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައެވެ. ވަކިވަކިން ބޭއްވި މި ޝަރީޢަތުގައި ހައިކޯޓުން ވަނީ ތިހާމް ޖަލަށް ލާން ކުރި ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށް ނިންމައި ދަށު ކޯޓުން ކުރި ޙުކުމަށް ތާޢީދުކޮށްފައެވެ. ނަމަވެސް ޒަމީރު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައެވެ.
ޒަމީރުގެ ޙުކުމް ބާތިލު ކުރުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންވެސް އިއްތިފާޤުވެފައިވާއިރު ތިޙާމަށް ކޮށްފައިވާ ޙުކުމް ދެމެހެއްޓުމަށް ތާޢީދު ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނެވެ. އެ މައްސަލާގައި ރަޢުޔު ތަފާތުވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެއެވެ. ފަނޑިޔާރު ޝުޢައިބުގެ ރަޢުޔުގައި ތިޙާމުގެ މައްޗަށް އެ ކުށް ސާބިތުވާ ވަރަށް ހެއްކެތް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ތިޙާމާއި ޒަމީރުގެ މައްޗަށް ކްރިމިނަލް ކޯޓުން 2016ވަނަ އަހަރު ޙުކުމް ކުރިއިރުވެސް މި ދެ މީހުން ވަނީ މިނިވަންވެފައެވެ. އެއީ ކުރިމިނަލް ކޯޓުން ޙުކުމް އިއްވިއިރު ވެސް ތިހާމާއި ޒަމީރު ޖަލު ހުކުމުގެ މުއްދަތަށްވުރެ މާގިނަ ދުވަހު ތިބުމުންނެވެ.