ޚަބަރު

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން މޭޑޭގައިވެސް ޚިދުމަތް ދޭނެ


ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން މާދަމާވެސް ހެނދުނު 10:00 އިން މެންދުރުފަހު 3:00އަށް ޚިދުމަތް ދެމުންދާނެކަމަށް ވިދާޅުވެއްޖެއެވެ.

މާދަމާއަކީ މަސައްކަތްތެރިންގެ ދުވަސް ކަމުން، ގިނަ ޤައުމުތަކެއްގައި މާދަމާއަކީ ބަންދު ދުވަހެކެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ސްރީލަންކާގެ ސަރުކާރުން އަންގާ އެންގުންތަކަށާއި ދޭ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި ޕާސްޕޯޓުފަދަ މުހިންމު ލިއުންތައް ފުރިހަމައަށް ހުރިތޯއާއި އެފަދަ ލިއުންތައް ފަސޭހައިން ފެންނަ ހިސާބެއްގައި ބެހެއްޓުމަށްވެސް އެމްބަސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ ގޭގެއާއި މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތަށް އެޤައުމުގައި ތިބި ދިވެހިން އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަވައްޓެރި ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެެވެ. ނަމަވެސް ސްރީލަންކާއަށް ދިން ޓެރަރިސްޓު ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައެއް ނުވެއެވެ.