ސިއްހަތު

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ޚާއްޞަ ޑޮކްޓަރުން ނެތުން - ހިތަދޫ ރީޖަނަލް ހޮސްޕިޓަލް


އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން މިވަގުތު ލިބެމުންދާ އެންމެ ބޮޑު ޝަކުވާއަކީ ޑޮކްޓަރުންގެ ދަތިކަން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، އެޗްއާރްއެޗުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ އަދި މިވަގުތު އެ ހޮސްޕިޓަލު ހިންގުމާއި ޙަވާލުވެ ހުންނެވި ޝާޙް ސަޢީދު ވިދާޅުވީ އެ ހޮސްޕިޓަލުގައި 21 ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު މިހާރުވެސް މުހިއްމު ދެ ދާއިރާއެއްގެ ޑޮކްޓަރުން ނެތް ކަމަށެވެ. އަދި މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެކަން އެހެން ދިމާވެފައިވަނީ މިވަގުތު އެ ޑޮކްޓަރު ޗުއްޓީ ނަންގަވާ ޗުއްޓީ ނިމުމުގެ ފަހުން ވަޒީފާއިން އިސްތިއުފާދެއްވީމަ. އެ ޑޮކްޓަރުން ހޯދުމުގައި އަޅުގަނޑުމެންނަށް ލަސްތަކެއްދިމާވީ އޭގެކުރީގައި ރެޒިގްނޭޝަން ދެއްވީކީނޫން މުޅިޗުއްޓީ އެއްކޮށް ނަންގަވާފައި ވަޒީފާއިންވަކިވެފަވީ. ކުރިއަށް އޮތް މަހުގެ ކުރީކޮޅު ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރާއި ރޭޑިއޯލޮޖިސްޓެއްއަންނާނެ،" ޝާހް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިރަށް މާލެ ސިޓީ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ސިއްޙީ ދާއިރާގައިހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝާހް ވިދާޅުވީ ޑޮކްޓަރުންގެ ދަތިތަކުގެ އިތުރުން އެންމެ އެމްބިއުލާންސެއް އޮތުމުން އެކަމުގެ ދަތިކަންވެސް ދިމާވަމުންދާކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ހެލްތް މިނިސްޓްރީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދެވަނަ ފަހަރަށް އެމްބިއުލާންސް އަލަށް ހޯދަން އިއުލާން ކުރެވި އެއިއުލާނަށް ޝަރުތު ފުރިހަމަނުވެގެން ކެންސަލްވި މައްސަލާގައި ލަސްތަކެއް އައިސްގެން މިއުޅެނީ. މިވަގުތުވެސް ތިންވަނަ ފަހަރަށް އިއުލާން ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުން އެބަދޭ،" ޝާހް ވިދާޅުވިއެވެ.

އައްޑޫ ސިޓީން ދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ގިނަ ޚިދުމަތް ލިބޭނެމަގު ފަހިކުރުމަށްޓަކައި ސަރުކާރުން ވަނީ އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އައްޑޫ ސިޓީގެ ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލު ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ ކަމެއް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނުވެސް ވަނީ ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.