ވިޔަފާރި

ރަމަޟާންމަހު ބޭންކުތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި


ކުރިއަށްއޮތް ރަމަޟާންމަހު ބޭންކު އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ޚިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.

އެގޮތުން ރަމަޟާންމަހު ބީއެމްއެލް ހުޅުވާފައި ހުންނާނީ ހެނދުނު ނުވައަކުން، މެންދުުރު ބާރަ ޖެހުމާއި ހަމައަށް ކަމަށާ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު އެބޭންކު ބަންދުވާނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ރަމަޟާންމަހު މޯލްޑިވްސް އިސްލާމިކް ބޭންކުން ޚިދުމަތްދޭ ގަޑިތަކަށް ބަލާއިރު ހެނދުނު ނުވަގަޑި ތިރީހުން މެންދުރު ބާރަ ޖެހުމާއި ހަމައަށް ބޭންކު ހުޅުވާފައި ހުންނާނެކަމަށް އެ ބޭންކުން ބުނެއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންވެސް ވަނީ ރޯދަމަހު ޙިދުމަތްދޭ ގަޑިތައް އާއްމުކޮށްފައެވެ.

އެގޮތުން ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހުޅުވާފައި ހުންނާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

މަރުކަޒީ ބޭންކުން ރަމަޟާންމަހު ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތްދޭނީ ހެނދުނު 09:30 ހުން މެންދުރު 12:30 އަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރާނީ 09:30 ހުން ފެށިގެން 11:00 އާއި ހަމަޔަށެވެ.

އެމްއެމްއޭއިން ބުނީ ރަމަޟާންމަހު އެ ބޭންކުން ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެންދުނު 09:30 ހުން ފެށިގެން 12:00 ހަމައަށް ކަމަށެވެ.