ޚަބަރު

އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ރަހީމް ސްޓާލިންގް ހޯދައިފި


ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ރަހީމް ސްޓާލިންގް ހޯދައިފިއެވެ. އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް މެންޗެސްޓަރ ސިޓީ އަދި އިންގްލޭންޑްގެ ފޯވާޑް ހޮވާފައިވާއިރު އޭގެ ކުރީދުވަހު އޭނާއަށް ވަނީ ފުޓުބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިއެވެ. ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަންގެ މޮޅު ކުޅުންތެރިޔަކަށް ސްޓާލިންގް ހޮވުނީ 62 އިންސައްތަ މެމްބަރުންގެ ވޯޓުންނެވެ. ސްޓާލިންގް އާ އެންމެ ގާތުން މަގާމަށް ވާދަކުރީ ލިވަޕޫލްގެ ވާޖިލް ވެންޑެއިކްއެވެ. 2ވަނަ ލިބުނީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޯޓް ލިބުނު ކުޅުންތެރިންގެ ތެރޭގައި ޓޮޓްނަމްގެ ފޯވާޑް ހެރީ ކޭން، ޗެލްސީގެ އެޑެން ހަޒާޑް، މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވާ އަދި ޑޭވިޑް ސިލްވާ ހިމެނެއެވެ.
ސްޓަރލިންގް ވަނީ މި ސީޒަންގައި ކްލަބަށާއި ގައުމަށް ޖުމްލަ 29 ގޯލް ޖަހައިދީފައެވެ. އޭގެ ތެރޭގައި ޔޫރޯ ކޮލިފައިންގައި ޗެކް ރިޕަބްލިކާ ވާދަކުރި މެޗްގައި އިންގްލޭންޑް ޓީމަށް ހެދި ހެޓްރިކްވެސް ހިމެނެއެވެ. އަދި ލިވަޕޫލް ފަހަތަށް ޖައްސާލާ ޕްރިމިއަރ ލީގް ނެގުމަށް ސިޓީއިން ކުރާ މަސައްކަތުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔަކީވެސް ސްޓާލިންގްއެވެ.