ޚަބަރު

ސްޕެއިންގެ އިންތިޚާބު: ސޯޝަލިސްޓް ޕާޓީއަށް އިއްތިހާދެއް އެކުލަވާލަން މަޖުބޫރުވެފައި


މި މަހުގެ 28 ވަނަ ދުވަހު ސްޕެއިންގައި ބޭއްވި ޢާއްމު އިންތިޚާބު، އެ ޤައުމުގެ ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީން ކާމިޔާބުކުރި ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ.

މިއާއެކު ސޯޝަލިސްޓް ޕާޓީއަށް މިވަނީ އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އެހެން ޕާޓީއަކާއެކު އިއްތިހާދެއް އުފެއްދުމަށް މަޖުބޫރުވެފައެވެ. އިންތިޚާބުގެ ވޯޓު ގާތްގަނޑަކަށް ގުނާ ނިމިފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ ތިން ސަތޭކަ ފަންސާސް ގޮނޑީގެ ތެރެއިން ވެރިކަން ކުރާ ސޯޝަލިސްޓް ޕާޓިން ކާމިޔާބުކޮށްފައިވަނީ ސަތޭކަ ތޭވީސް ގޮނޑިއެވެ. މިއީ ޤާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށްވުރެ 11 ގޮނޑި މަދު އަދަދެއް ކަމަށް މުރާސިލުން ބުނެއެވެ. މިއާއެކު، ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއަށް މިވަނީ، އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އެހެން ޕާޓީއަކާއެކު އިއްތިހާދެއް އުފެއްދުމަށް މަޖުބޫރުވެވަޑައިގެންފައެވެ.

ސްޕެއިންގެ ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ މި އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީ، ޕޮދޭމޯސްއަށް ލިބިފައިވާ ކާމިޔާބީއާއެކު ވެރިކަންކުރާ ސޯޝަލިސްޓް ޕާޓީން އިއްތިހާދެއް އުފެއްދާނީ އެޕާޓީއާއެކުގައިކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް މިފަދަ އިއްތިހާދެއް އުފެއްދުމަށް ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ކުދި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް ސްޕެއިންގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޕޮދޭމޯސްގެ ލީޑަރު ޕަބްލޯ އިގްލީސިއަސް އާދިއްތަ ދުވަހު ވިދާޅުވީ، އެ ޕާޓީން އޮތީ ސޯޝަލިސްޓުންނާއެކު އިއްތިހާދުގެ ސަރުކާރެއް ޤާއިމުކުރުމަށް ތައްޔާރަށްކަމަށެވެ.އެހެންނަމަވެސް މިކަމާ ބެހޭގޮތުން ބޮޑު ވަޒީރު ސަންޗޭޒް އަދި އެއްވެސް އެއްޗެއް ވިދާޅުވަފެއް ނުވެއެވެ.

މިފަދަ އިއްތިހާދަކަށް ސޯޝަލިސްޓް ޕާޓީގެ މެމްބަރުން ދެކޮޅުހަދައިފިނަމަ ސަންޗޭޒްގެ ސޯޝަލިސްޓް ޕާޓީއަށް ދެން މަޖުބޫރުވާނީ ސްޕެއިންގެ ކެތަލޯނިއާ ސަރަހައްދު މިނިވަން ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލާ ޕާޓީތަކާއެކު އިއްތިހާދެއް ޤާއިމުކުރުމަށެވެ. އެހެންނަމަވެސް މިފަދަ އިއްތިހާދެއް ޤާއިމުކޮށްފިނަމަ ކެތަލޯނިޔާ ސަރަހައްދުގެ މައްސަލައިގައި ދާއިމީ ހައްލެއް ހޯއްދަވައިދެއްވަން ސަންޗޭޒްގެ ސަރުކާރަށް މަޖުބޫރުކުރާނޭކަމަށް ވެސް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.