ޚަބަރު

ވިކްޓްރީ އާއި އޭދަފު މެޗުން ވެޓަރަންސް މުބާރާތް ފަށަނީ


ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗްގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އާއި އޭދަފުށި ވެޓަރަންސް ފުޓްބޯލް ކުލަބް ބައްދަލުކުރަން ޖެހިއްޖެއެވެ. މިދެ ޓީމް މިއަންނަ މަހުގެ 8ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުރަން ޖެހުނީ އެފްއޭއެމް ހައުސްގައި ބޭއްވި ގުރުއަތުލުމަށްފަހުއެވެ. 7 ޓީމް ވާދަކުރާ މިމުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ޕޮލިސް ކުލަބްއެވެ. މިމުބާރާތުގެ 3ވަނަ މެޗްގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ދިވެހި ސިފައިންގެ ކުލަބްއެވެ. އަދި މުބާރާތުގެ 4ވަނަ މެޗްގައި ވާދަކުރާނީ އޭދަފުށި ވެޓަރަންސް ފުޓްބޯލް ކުލަބް އާއި ކުލަބް އީގަލްސްއެވެ.
7 ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމް އެއް ކޮންމެ ޓީމްއަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމެއް ސީދާ ފައިނަލްއަށް ދާ ގޮތަށެވެ. އަދި ލީގް ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެވަނަ ޓީމް އާއި ތިންވަނަ ޓީމްގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗްއަށްފަހު، އެމެޗުން މޮޅުވާ ޓީމްއަކަށް ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. މިއަންނަ މަހުގެ 8ވަނަ ދުވަހު ކުޅުންފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ލީގް ބުރުގެ ކުޅުން މިއަންނަ މަހުގެ 29އާއި ހަމައަށް ކުރިއަށްދާނެއެވެ.
ލީގްގެ ދެވަނަ އާއި ތިންވަނަ ޓީމްގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިނީ މިއަންނަ މަހުގެ 31ވަނަ ދުވަހުއެވެ. ކޮންމެ ރޯދަ މަހަކު ކުޅޭ ވެޓަރަންސް މުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރި ގަދަކޮށް ކުރިއަށްދާ މުބާރާތެކެވެ. މިއަދުގެ ޒުވާނުންނަށް ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމުގައިވާ، މައުސޫމް، ތޮއްޑޫ މުހައްމަދު ނިޒާމް، ކައްޕި، އަންދަރޭ، ކުޑަ މޫސަ އަދި ހުރާ އަބުޅޯ ފަދަ ކުޅުންތެރިންގެ ކުޅުން ފެންނަ މުބާރާތެކެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީހެއް އޮންނަ ދެ ކުލަބް ކަމުގައިވާ ކުލަބް ވެލެންސިޔާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް މިއަހަރުގެ ވެޓަރަސް މުބާރާތުގައި ބައިވެރިނުވާން ވަނީ ނިންމާފައިއެވެ.
މި ދެ ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމްއެވެ. ވެލެންސިއާ ފަސް ތަށި ހޯދާފައިވާއިރު ނިއު ވަނީ ތިން ފަހަރު ތަށި ހޯދައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ މި އަހަރުގެ މުބާރާތުގައި ވާދަނުކުރަން ނިންމީ އެ ޓީމް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައި އޮތުމުންނެވެ. ނިއު އަށް ވާދަނުކުރެވެނީ އެފްއޭއެމުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.