ޚަބަރު

ގައިދީންގެ ފަންނުވެރިކަން ދައްކުވައިދޭ މައުރަޒެއް މިއަދު ހުޅުވަނީ


ގައިދީންގެ
ހުނަރުވެރިކަމާއި މަސައްކަތްތަށް ދައްކާލުމުގެ ގޮތުން ބާއްވާ "އިންމޭޓްސް
ކްރިއޭޓިވިޓީ އެގްޒިބިޝަން" މިއަދުން ފެށިގެން ނޭޝަނަލް އާޓް ގެލެރީގައި
ކުރިޔަށްގެންދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.



ނޭޝަނަލް
އާޓް ގެލަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން
ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާސިފް ވިދާޅުވީ ތިންދުވަހުގެ
މުއްދަތައް ކުރިޔަށްގެންދާ މި އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާނީ، މާފުށީ
ޖަލާއި ހިންމަފުށީ ޖަލުގައި ތިބޭ ގައިދީންގެ ކުރެހުންތަކާއި، އަތްތެރިމަސައްކަތް
ދައްކުވައިދޭ ތަކެތީގެ އިތުރުރުން މޭވާއާއި ތަރުކާރީއަޅާ ތަފާތު ބާވަތްތަކުގެ
ގަސްތައްކަމަށެވެ.



2009
ވަނައަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިއެގްޒިބިޝަންގައި
ހިމެނޭ ހުރިހާތަކެއްޗަކީ، އެއް އަހަރުދުވަހުގެ ތެރޭގައި ގައިދީން
ތައްޔާރުކޮށްފައިވާ ތަކެތިކަމަށް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ.



މިއެގްޒިބިޝަންގައި
ހިމެނޭތަކެއްޗާއި ބެހޭ ގޮތުން މައުލޫމާތުދިނުމަށް ގައިދީން
ހަރަކާތްތެރިވާނެކަމަށާއި، އެގްޒިބިޝަން ކުރިޔަށްދާވަގުތު ސަލާމަތީ ކަންކަން މާލޭ
ޖަލުބަލަހައްޓާ އެސަރވިސްގެ މުވައްޒަފުން ވަރަށް ފުރިހަމައަށް
ކުރިޔަށްގެންދާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ. އިންމޭޓްސް
ކްރިއޭޓިވިޓީ އެގްޒިބިޝަން ފަތުރުވެރިންނަށްވެސް ޓާގެޓްކުރެވިފައިވާކަމަށާއި،
ދިވެހިންނެކޭ އެއްފަދައިން ފަތުރުވެރިންނަށްވެސް އެއް އަގެއްގައި ތަކެތި
ގަނެވޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއެވެ.



ސުޕްރިންޓެންޑެންޑް
އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ، މިއެގްޒިބިޝަނުން ލިބޭ ފައިސާ
ޚަރަދުކުރާނީ އެ ސަރވިސްގެ ކޯޕަރޭޓިވް ސޮސައިޓީ ކުރިއެރުވުމަށްކަމަށާއި، އަމާޒަކީ
ކޯޕަރޭޓިވް އުސޫލުން ޖަލުހިންގުމާއެކު، ގައިދީންނަށް މިފަދަ މަސައްކަތްކުރަން
ދަސްކޮސްދީ،  މަސައްކަތް ކުރުވުންކަމަށެވެ.




މިއަދު
ދޭއްޖަހާއިރު ފަށާއި މި އެގްޒިބިޝަންގެ ފުރަތަމަ ދެދުވަހު ތަކެތި ދައްކާލުމާއި
ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފަހުދުވަހު ތަކެތި
ދޫކުރައްވާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.



ގައިދީން
އުފައްދާ ތަކެތި އޯޑަރު ދިނުމުން ހެޔޮއަގުގައި ހަދައިދެވޭނެކަމަށްވެސް
ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއެވެ.