މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާ ގުޅިގެން އުރީދޫގެ ކަލަރ ރަން އެއް އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
ޖޫން އެކާވީހުގައި އައްޑޫ ސިޓީގައި ކަލރ ރަން ބާއްވަން ނިންމިކަން އިއުލާނުކޮށްފައި ވަނީ އުރީދޫގެ މެނޭޖްމަންޓާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަހު މަހްލޫފް ވިދާޅުވީ، އިވެންޓްތައް ހަމައެކަނި މާލެއަށް ހާއްސަކުރުމުގެ ބަދަލުގައި މުޅި ރާއްޖޭގައި ހިންގާ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ބޭއްވާ މި ކަލަރ ރަންވެސް ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމް ކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އައްޑޫއާ ހިސާބުން ކަލަރ ރަން ނިންމާ ނުލާނެ ކަމަށާއި އެހެން އަތޮޅުތަކުގައިވެސް ކަލަރ ރަން ބޭއްވުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އެއްކަމަކަށް އަޅުގަނޑުމެންގެ ސަރުކާރުގެވެސް އެންމެ ބޮޑު އެއް ވިސްނުން ދެއްތޯ ހުރިހާ ކަމެއް މާލޭގަ ހިންގުމުގެ ބަދަލުގަ އެހެން ރަށްރަށުގަވެސް ހިންގުން، ގިނަ ބަޔަކަށް މި ފުރުސަތު ލިބުން. އަޅުގަނޑުމެން އެދެނީ އައްޑޫގަ މި ބޭއްވޭ ހަރަކާތުގަ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން" މިނިސްޓަރ ވިދާޅުވިއެވެ.
ފާއިތުވި ދެއަހަރުވެސް އުރީދޫއިން އިންތިޒާމްކޮށް ހުޅުމާލޭގައި ބޭއްވި ރަންއަށް ވަނީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން އެންމެ ފަހުން ވޭތުވެދިޔަ އަހަރު އޮކްޓޫބަރު މަހު ބޭއްވި ރަންގަ ވަނީ ފަސް ހާހެއްހާ މީހުން ބައިވެރިވެފައެވެ. އޫރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ވިދާޅުވީ ކުޅިވަރާއި އެހެނިހެން އިޖުތިމާއީ ހަރަކާތްތައް މެދުވެރިކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަން އުފައްދާ މުޖުތަމައު އެއްބައިވަންތަ ކުރުމަކީ އުރީދޫއިން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށާއި އުރީދޫ ކަލަރ ރަން ބޭއްވުމުގެ މަގުސަދަކީ އެއީ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުވެސް ކަލަރ ރަން ނިންމާލީ ކާމިޔާބުކަމާއެކު ކަމަށާއި، އައްޑޫ ސިޓީގައި ކަލަރ ރަން ބޭއްވުމުގެ މަގުސަދަކީ ގިނަ ރައްޔިތުންނަށް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިފަދަ ހަރަކާތްތައް ގެންދިޔުމަކީ އުރީދޫގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ކުޅިވަރާ ބެހޭ ވުޒާރާއާ އެކު ޕާޓްނަރޝިޕް ގާއިމް ކުރުމުގެ ބޭނުމަކީ މި އަމާޒަށް ވާސިލްވުމަށް މަގުފަހި ކުރުން ކަމަށްވެސް އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވިދާޅުވި.
"ކާމިޔާބުކަމާއެކު ކަލަރ ރަން ހުޅުމާލޭގަ ކުރިއަށް ގެންދާތާ ދެ އަހަރު ވެއްޖެ. އަހަރުމެން ގަބޫލުކުރަނީ މުޅި ރާއްޖެއަށް މިކަން ފުޅާ ކުރަން ޖެހޭ ކަމަށް. މިކަމަކީ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ކަމަކަށް ހަދަންޖެހޭކަމަށް. އެހެންވެ އަހަރުމެން އައްޑޫ ސިޓީއަށް މި ކަލަރ ރަން މި ގެންދަނީ" އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވިދާޅުވިއެވެ.
އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަލަރ ރަންގެ އިތުރު މައުލޫމާތާއި ރެޖިސްޓަރ ވުމާބެހޭ މައުލޫމާތު ސޯޝަލް މީޑިޔާ މެދުވެރިކޮށް ހިއްސާ ކުރަމުން ގެންދާނެކަމަށް އޫރީދޫއިން މައުލޫމާތުދިނެވެ.