ސިޔާސީ

ބާރުތައް އިޢާދަކޮށްދިނުމާއެކު ކައުންސިލަތައް ޙަރަކާތްތެރިވާން ފަށައިފި - އެލްޖީއޭ


ކައުންސިލްތަކުގެ ބާރުތައް އަނބުރާ ޢިޔާދަކޮށްދިނުމާއެކު ކައުންސިލަތައް މިޙާރު ވަރަށްބޮޑަށް ޙަރަކާތްތެރިވާން ފަށާފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިސްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭގެ ޑިރެކްޓަރ މުޙައްމަދު ނަޞީރު ވިދާޅުވީ، ކައުންސިލްތައް ހިންގުން ކުރިއަށްވުރެ ހަރުދަނާވެ ޙަރަކާތްތައް އިތުރުވެފައިވާކަމަށެވެ. އަދިވެސް ފުރިހަމަ ބާރުވެރިކަން ކައުނސިލްތަކަށް ނުލިބޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ބާރުތައް ދެމުން އަންނަކަމަށާ، ކައުންސިލްތައް ހަޤީޤީ މާނާގައި ބާރުވެރިވާނީ މާލީ ގޮތުން ބާރުވެރިކުރުވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ފުރިހަމައަށް ހިނގައިނުގަނެގެން އުޅެނީ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ނުލިބިގެންކަމަށެވެ.

ނަޞީރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ ގިނަ މުވައްޒަފުންތަކެއް ހައުސިންގ މިނިސްޓްރީގައި ހިމެނޭކަމަށާ، އެމުވައްޒަފުން ސިޓީކައުންސިލަށް ބަދަލުވާން ޖެހޭކަމަށެވެ. އަދި އެކަން ފުރިހަމަވުމުން މާލޭ ސިޓީ ކައުންސިލް އިތުރަށް ހަރަކާތްތެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރުދުވަހު ކުރީގެ ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ކައުންސިލްތަކުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ދައުލަތުގެ ވުޒާރާތަކުގެ ދަށަށް ބަދަލުކޮށްފައެވެ.

ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅުގެ ދަށުން، ސިޓީ ކައުންސިލްތަކުގެ ޒިންމާއިން ދައުލަތުގެ އެކި ވުޒާރާތަކަށް މީގެ ކުރިން ނަންގަވާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަލުން އަނބުރާ ކައުންސިލްތަކަށް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.